މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ސްރީ ލަންކާގައި އަށް މީހުން މަރުވެ އިތުރު ބަޔަކަށް ޒަޚަމްވެއްޖެއެވެ.
ސްރީ ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ، ޑީއެމްސީއިން ބުނީ ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާތަކުގެ އަސަރު އެ ޤައުމުގެ 9 ޑިސްޓްރިކްޓެއްގައި ދިރިއުޅޭ 3،014 ޢާއިލާއަށް ކޮށްފައިވާ ކަމަށެވެ. އެއީ 11،832 މީހުންނެވެ. އެކި ސަރަޙައްދުތަކުގައި ޤާއިމްކޮށްފައިވާ 51 ރައްކާތެރި ސަރަޙައްދުތަކަށް މިހާތަނަށް 3،538 މީހުން ގެންގޮސްފައިވާ ކަމަށާއި މީހުން ސަލާމަތްކުރުމާއި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އަދި ވެސް ކުރިއަށް ދާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ޑީއެމްސީއިން އިތުރަށް ބުނީ ހާދިޘާތަކުގައި އެއް ގެ އެއްކޮށް ސުންނާފަތިވެފައިވާ ކަމަށާއި 290 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ނުވަރަ އެލިޔާ ޑިސްޓްރިކްޓަށް ކަމަށާއި އެ ސަރަޙައްދުގައި ދިރިއުޅޭ 5،445 މީހުންނަށް އަސަރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އެ ޑިސްޓްރިކްޓުން އެކަނި ހަ މީހުން މަރު
ވެ، 115 ގެއަކަށް ގެއްލުން ލިބިފައިވެއެވެ.
ސްރީ ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އެ ޤައުމުގެ ވެސްޓަން، ނޯތު ވެސްޓަން އަދި، ސަބަރަގަމުވަ ޕްރޮވިންސަށް ގުގުރާ ވިދުމާއެކު ވާރޭ ބެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި ކެންޑީއާއި ނުވަރަ އެލިޔާއާއި ގޯލްއާއި މަތާރާ ޑިސްޓްރިކްޓަށް ވެސް ވާރޭ ވެހޭނެ ކަމަށް ވަނީ ބުނެފައެވެ. މޫސުމާ ބެހޭ އިދާރާއިން އިތުރަށް ބުނީ ސަބަރަގަމުވަ ޕްރޮވިންސާއި ކެންޑީއާއި ނުވަރަ އެލިޔާގެ ބައެއް ސަރަޙައްދުތަކަށް 75 މިލީމީޓަރަށް ވާރޭ ވެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. އޭގެ އިތުރުން އުވާއާއި ޕްރޮވިންސުތަކުގެ އިތުރުން މުއްލައިތިވު ޑިިސްޓްރިކްޓްއަށް އޮގަސްޓު މަހުގެ 5ވަނަ ދުވަހުގެ މެންދުރު ފަހު ވާރޭ ވެހުން ގާތް ކަމަށެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ގަޑިއަކު 40-50 ކިލޯމީޓަރު ބާރުމިނުގައި ބައެއް ޕްރޮވިންސުތަކަށް ވާރޭ ވެހޭނެ ކަމަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ސަމާލުވެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް އެ އިދާރާއިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.