ޚަބަރު

އެމްއެފްޑީއޭގެ ލިސްޓުގައި 8،000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް


  • އުސޫލުތަކާ ޚިލާފަށް ލޭބަލްކޮށްގެން ތަކެތި ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ

  • ސަޕްލިމަންޓް އެތެރެކުރުމުގެ ކުރިން އެމްއެފްޑީއޭގެ ހުއްދަ ހޯދަން ޖެހޭ

މިހާތަނަށް 8،000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ރާއްޖޭގައި ލިސްޓުކޮށްފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ރަޖިސްޓްރީ ކުރުމަކާ ނުލައި ތަފާތު އެކި ބާވަތްތަކުގެ ސަޕްލިމަންޓްތައް ވިއްކަމުންދާކަން ފާހަގަކުރެވެއެވެ. އަދި އެކި ނަންނަމުގައި މިފަދަ ތަކެތި އިޝްތިހާރު ކުރުމުގެ މަސައްކަތްވެސް ފުޅާ ދާއިރާއެއްގައި ދަނީ ކުރަމުންނެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފުޑް ކޮލިޓީ އެޝުއަރަންސްގެ ކޯޑިނޭޓަރ އާމިނަތު ޝަބާނާ އަލީ ވިދާޅުވީ، ހުއްދަނެތް ބައެއް އުފެއްދުންތައް ރާއްޖޭގެ ބާޒާރުގައި އިޝްތިހާރު ނުކުރި ނަމަވެސް، ފިހާރަތަކުން ލިބެން ހުރި ކަމަށެވެ. އެހެންކަމުން މިފަދަ ތަކެތި ބޭނުންކުރުމުގެ ކުރިން އެއީ ހަށިގަނޑަށް ކޮންމެހެން ބޭނުންތެރި އެއްޗެއްތޯ ކަށަވަރު ކުރުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަބާނާ ވިދާޅުވީ އެއްވެސް އުފެއްދުމެއް އިޝްތިހާރު ކުރުމުގެ ކުރިން އެމް.އެފް.ޑީ.އޭ އަށް ހުށަހަޅައިގެން ހުއްދަ ހޯދަންޖެހޭކަމަށެވެ. އަދި އެ އިދާރާއަށް ހުށަހެޅުމުން ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ބަލައި ޗެކް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއަށް ސަޕްލިމަންޓް އެތެރެކުރުމުގެ ކުރިން އެމް.އެފް.ޑީ.އޭގެ ހުއްދަ ހޯދަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ. މިކަމުގައި އަމަލުކުރާ ދެ އުސޫލަކީ ރަޖިސްޓަރީ ކުރުން ނުވަތަ ލިސްޓު ކުރުމެވެ. ލިސްޓު ކުރުމުގެ ނިޒާމުގެ ތެރެއިން ރާއްޖެއަށް އެތެރެކުރާ ތަކެތީގެ ބާވަތްތަކާއި އެތެރެކުރާ މިންވަރު ދެނެގަނެވޭނެ ކަމަށް ޝަބާނާ ވިދާޅުވިއެވެ. މިހާތަނަށް ފުޑް ސަޕްލިމަންޓުގެ ގޮތުގައި 8،000 އަށްވުރެ ގިނަ އުފެއްދުން ރާއްޖޭގައި ލިސްޓު ކުރެވިފައިވާ ކަމަށް ޝަބާނާ ވިދާޅުވިއެވެ.

"މީގެ މާނައަކީ ދިވެހިން މިފަދަތަކެތި ބޭނުންކުރާ މިންވަރު ފުދޭ ވަރަކަށް އިތުރު. އެހެންވީމައި އަޅުގަނޑުމެން ބަލަން އެބަޖެހެޔޭ މިހުރިހާ ތަކެއްޗަކީ އަޅުގަނޑުމެންގެ ހަށިގަނޑައް ކޮންމެހެން ބޭނުންހުރި ތަކެތިކަން. ހާއްސަކޮށް ފާހަގަކޮށްލާނަން ފުޑް ސަޕްލިމަންޓުގައި ލޭބަލްގައި އެބަހުރި ތަފާތު އެކި ސްޓޭޓްމަންޓުތައް. ޕީސިކްސްޓީ ވާރނިން އަދި ރިޕްރޮޑަކްޓިވް ހާމްކިޔާ ސްޓޭޓްމަންޓެއް ޖަހާފައި. އެންމެ ކުރިން މި މަސައްކަތް ފެށިގެން އައިއިރު ވަރަށް އުނދަގޫވި މިހުރިހާކަމެއް ދެނެގަނެ ކަންތައް ކުރަން. ކުރީގެ މާކެޓުގައި މިފަދަ ތަކެތި ހުރެދާނެ. އެހެންނަމަވެސް ތަފާތު އެކި މަސައްކަތުން މިދަނީ މި ކަހަލަ ތަކެތި ރާއްޖެއަށް އެތެރެވުންވސް ހުއްޓުވަން" ޝަބާނާ ވިދާޅުވިއެވެ.

ޝަބާނާ ވިދާޅުވީ އުފެއްދުމެއް ތައްޔާރުކޮށް ބާޒާރަށް ނެރޭއިރު، އޭގައި އެކުލެވޭ ބާވަތްތަކާއި މާއްދާތައް ސާފުކޮށް އެނގޭނޭހެން ލޭބަލްކުރުމަކީ މުހިންމު ކަމެއްކަމަށެވެ. އެގޮތުން ލޭބަލްކުރުމާބެހޭ ގަވާއިދު މިއަހަރުގެ ޖޫން މަހު ގެޒެޓްކުރެވިފައިވާ ކަމަށާއި، މި ގަވާއިދަށް އަމަލުކުރުމަށްޓަކައި ވިޔަފާރިވެރިންނަށް 6 މަސްދުވަހުގެ މުހުލަތެއް ދެވިފައިވާނެ ކަމަށެވެ. އެގޮތުން، އަންނަ ޑިސެންބަރު މަހުގެ ފަހުން ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ލޭބަލްކޮށްގެން ތަކެތި ވިއްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ފުޑް ކޮލިޓީ އެޝުއަރަންސްގެ ކޯޑިނޭޓަރ އާމިނަތު ޝަބާނާ އަލީ ވިދާޅުވިއެވެ.