ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެ ޖަމާއަތުގެ މުބާރާތްތައް ރާވައި ހިންގަން ވިޔަފާރި ކުންފުންޏެއް ހަދަން މަސައްކަތް ކުރިކަން އެނގުނީ މީޑިއާއިން ކަމަށާއި އެއީ ގޯސް ޕްލޭނެއް ކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ބުނެފި އެވެ.
އާސެނަލް އަށް 17 އަހަރު ކޯޗު ކޮށްދިނުމަށްފަހު 2019 ވަނަ އަހަރުން ފެށިގެން ވެންގާ މަސައްކަތް ކުރަނީ ފީފާގެ ޗީފް ގްލޯބަލް ފުޓްބޯޅަ ޑިވެލޮޕްމަންޓްގެ މަގާމުގަ އެވެ. މިހެންވެ އޭނާ އަށް އިންފަންޓީނޯގެ ޕްލޭން އެނގިފައި އޮވެދާނެ ކަމަށް މީޑިޔާތަކުން ތުހުމަތު ކުރަން ފެށުމުން ވެންގާ ވަނީ އިންފަންޓީނޯއާ ފެއަށް ޖެހިގެންފަ އެވެ.
"އެންމެ ފަހުން ހިނގައިދިޔަ ކަންތަކާ އަހަރެންނާ ގުޅުމެއް ނެތް. އެކަމުގައި އަހަރެން ދެކެނީ ފީފާއިން އެކަން ވަރަސް ބޮޑަށް ސާފުކޮށްދޭން ޖެހޭ ކަމަށް. ފީފާގައި އަހަރެންނަކީ ޗީފް ގްލޯބަލް ޑިވެލޮޕްމަންޓް. އަހަރެންގެ ޓީމުން ބަލަނީ ފީފާފެ 60 އެކަޑަމީގެ ކަންކަމާއި އެތަންތަނުގެ ތަފާސް ހިސާބުތައް. އެއީ 60 ގައުމެއްގައި ހިނގާ އެކަޑަމީތަކެއް،" ވެންގާ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"އަދި އަހަރެންނަކީ އިންޓަނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަން ބޯޑުގެ ޓެކްނިކަލް އެޑްވައިޒަރު ވެސްމެ. އަހަރެންނަކީ ފީފާގެ ސްޓެރެޓެޖިން ޕްލޭންތަކާ ބެހޭ މީހެއްނޫން. އަހަރެންނަށް އެ ޕްރޮޖެކްޓް އެނގުނީ މީޑިޔާތަކުން. އަހަރެން ދެކޭ ގޮތުގައި އެ ޕްރޮޖެކްޓް ހުއްޓާލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. ސަބަބަކީ އަހަރެން ދެކޭ ގޮތުގައި ފީފާ ވާންޖެހެނީ ވަރަށް ތެދުވެރި، އިންސާފުވެރި އަދި ދެފުށް ފެންނަ ތަނަކަށް" ވެންގާ ބުންޏެވެ.
އިންފަންޓީނޯ މަސައްކަތް ކުރީ ވިޔަފާރި ކުންފުންޏެއް އުފައްދައި އެގެ 20 ޕަސެންޓް ހިއްސާ އެމެރިކާގެ ރައީސް ޑޮނަލްޑ ޓްރަމްޕާ ގުޅުންހުރި ވިޔަފާރިވެރިންނަށް ވިއްކާލުމަށެވެ. އަދި މި ޕްލޭން ފާސް ކުރުމަށް ފީފާގެ މެމްބަރު ކޮންމެ ގައުމަކަށް ފައިސާގެ އެހީގެ ގޮތުގައި 40 މިލިއަން ޑޮލަރު ދިނުމަށެވެ. ނަމަވެސް ޔޫރަޕާއި ކޮންކާކަފން ދެކޮޅު ހެދުމުން މި ޕްލޭން މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ. އަދި މިކަމާ ހެދި އިންފަންޓީނޯގެ މަގާމުން ދުރުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.