ޚަބަރު

ތުރުކީ ޕީޓީއޭ: ކެފޭ ރެސްޓޯރެންޓް އިންވެސްޓްމެންޓްގެ ޚަރަދު ކުޑަވާނެ


  • އެއްބަސްވުމުގެ މަޝްވަރާތައް ކުރިއަށް ދިޔައިރު މިދާއިރާގެ ވިޔަފާރިވެރިންނާ މަޝްވަރާކުރެވުނު

  • މީގެ ކުރިން ރާއްޖެއަށް ތުރުކީވިލާތުން ބަދިގެ ސާމާނު އެތެރެކުރަން %20 ޑިއުޓީ ނަގާ

ތުރުކީވިލާތާއެކު ސޮއިކޮށްފައިވާ ޕީޓީއޭގެ ދަށުން ރާއްޖޭގެ ކާބޯތަކެތި އުފެއްދުމުގެ ސިނާޢަތައް ވަސީލަތް ހޯދުމުގައި އިންވެސްޓް ކުރާ ޚަރަދު ކުޑަވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިމަހުގެ 1 ވަނަ ދުވަހުގެ ޢަމަލުކުރަން ފަށާފައިވާ ޕީޓީއޭގެ ދަށުން މިހާރު 400 އަށް ވުރެ ގިނަ ބާވަތުގެ މުދާ ރާއްޖެއަށް ތުރުކީވިލާތުން އެތެރެކުރެވޭނެއެވެ.

ތުރުކީވިލާތާއެކު ސޮއިކޮށްފައިވާ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓަކީ އެއާމެދު 9 މަސް ދުވަހު މަޝްވަރާކުރެވި އެކި ސިނާޢަތްކުގެ ޚިޔާލު ހޯދުމަށް ފަހު ސޮއިކޮށް ޢަމަލުކުރަން ފެށި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ތުރުކީވިލާތުން 404 ގިންތިއެއްގެ މުދާ ޑިއުޓީއަކާޢި ނުލާ އެތެރެކުރެވޭނެއެވެ.

މިއެއްބަސްވުމުގެ ފައިދާ ކުރާނެ އެއް ސިނާޢަތަކީ ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސެއިން ޒާމިރު ވިދާޅުވީ، އެއްބަސްވުމުގެ މަޝްވަރާތައް ކުރިއަށްދިޔައިރު ކެފޭ ރެސްޓޯރެންޓް ދައިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު މަޝްވަރާ ކުރެވުނު ކަމަށެވެ. އޭނާ ވިދާޅުވީ ކުރެވުނު މަޝްވަރާތަކުން ތުރުކީވިލާތަކީ މިދައިރާއަށް ބޭނުންވާ މެޝިނަރީސް އުފައްދާ ޤައުމެއްކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ކެފޭ ރެސްޓޯރެންޓްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ބަލާއިރު ރާއްޖެއިން މިފަދަ އެކި އުފެއްދުންތަކަށް %10 އާއި %20 އާ ދެމެދު ޑިއުޓީ ނަގަމުންދިޔަކަން ފާހަގަކުރެއްވިއެވެ. ނަމަވެސް މިއައި ބަދަލާއެކު މި ތަކެތިން ނަގާ ޑީއުޓީ އެއްކޮށް މަޢާފުވެގެންދާނެ ކަމަށާއި މިކަމުގެ ފައިދާ ވިޔަފާރި ކުރާ ފަރާތްތަކަށް ކުރާނެ ކަމަށް ޒާމިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އެއްބަސްވުމާއެކު އެ ދައިރާގައި ރެސްޓޯރެންޓް ހިންގާ ފަރާތްތަކާއި ގެސްޓް ހައުސްތަކުގައި އަދި ރިސޯޓުތަކުގައި ރެސްޓޯރެންޓް ހިންގާ ފަރާތްތަކަށް ބޭނުންވާ މުހިންމު ވަސީލަތްތައް އެއްބަސްވުމާއެކު ރާއްޖެއަށް ޑިއުޓީ ނުލާ އެތެރެރެކުރެވޭނެ ކަމަށެވެ.

"ރެސްޓޯރެންޓް ދައިރާގެ މަސައްކަތް ކުރާ ފަރާތްތަކުން އާބާތުރަ ފިލުވާއިރު ނުވަތަ އަލަށް މެޝިން ގެންނައިރު ތުރުކީ ވިލާތުން ގެންނަ ކަމަށްވަންޏާ ކުޑަ ކޯސްޓެއްގައި ގެނެވޭނެ. އަދި އަލަށް ރެސްޓޯރެންޓް ހައްދަވަން ބޭނުންވާ ފަރާތްތަކަށްވެސް ތުރުކީ ވިލާތުން ގެންނަ ކަމަށްވަންޏާ ގެނެވޭނެ. ރެސްޓޯރެންޓް ސަރވިސް އަށް ބޭނުން ކުރާ އާލަތްތައްވެސް ޒީރޯ ޓެރިފްގައި ގެނެވޭނެ." ޒާމިރު ވިދާޅުވިއެވެ.

ޒާމިރު ވިދާޅުވީ ތުރުކީވިލާތަކީ ޒަމާނީ އެކި ސިނާޢަތްތަކުގައި ޒަމާނީ ޓެކްނޮލޮޖީ ގެންގުޅޭ ޤައުމަކަށްވާއިރު އެކަށީގެންވާ ގިނަ ދުވަސްތަކަކަށް ގެންގުޅެވޭ ކަހަލަ ކޮލިޓީ ޕްރޮޑަކްޓް މި ދައިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދެން ލިބިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި މިހާރު ވިޔަފާރިކުރާ ފަރާތްތަކަށް އާބާތުރަ ފިލުވުމަށާއި އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ވަސީލަތް ހޯދުމަށް ކުރާ ޚަރަދު ހިމެނޭނެ ކަމަށް ޒާމިރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތުގެ އިތުރުން ކްރީއޭޓިވް އިންޑަސްޓްރީއަށް ބޭނުންވާ އެކި މުދަލުން ޑިއުޓީ މަޢާފްވެ ރައްޔިތުންނަށް ފައިދާ ލިބޭނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ.