ޚަބަރު

ކިހާދޫއާއި ކަމަދޫގެ ކަރަންޓުގެ މަޝްރޫޢުތައް އަންނަ އަހަރުގެ ނިމޭނެ: ވަޒީރު


  • ކަމަދޫގެ ކޭބަލް ނެޓްވަރކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނޮވެންބަރު 2027އަށް ނިމޭނެ

  • ކިހާދޫ އިންޖީނުގޭގެ މަޝްރޫޢު އޮކްޓޯބަރު 2027ގެ ނިޔަލަށް ނިމޭނެ

ބ. ކިހާދުއާއި ކަމަދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ މަޝްރޫޢުތައް އަންނަ އަހަރު ނިމޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސުވާލުތަކަށް ދެއްވި ޖަވާބުގައެވެ. މެންބަރު މައުރޫފު ވަނީ ކިހާދުއާއި ކަމަދޫގައި އެ ވުޒާރާއިން ހިންގާ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ކަމަދޫގައި ހިންގަމުންދާ މަޝްރޫޢާ ގުޅޭގޮތުން ފޮނުއްވި ޖަވާބުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު އަލީ ޝަރީފު ވިދާޅުވީ އެ ރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށް ފެނަކައިން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމުގެ ހުރިހާ މަސައްކަތެއް މިދިޔަ ޖުލައި މަހުގެ 20ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ. އަދި ކަމަދޫ ބަނދަރު ސަރަހައްދަށް ކަރަންޓު ދޫކޮށްފައިވާ ކޭބަލް ނެޓްވަރކަށް ދިމާވި މައްސަލަވެސް މިހާރު ހައްލުކުރެވިފައިވާ ކަމަށް ވިދާޅުުވިއެވެ.

ވަޒީރު ވިދާޅުވީ ކަމަދޫގެ ޑިމާންޑާ އެއްވަރަށް ކަރަންޓު އުފެއްދުމުގެ ގާބިލުކަން ހުރި ނަމަވެސް ރަށުގައި ގާއިމުކޮށްފައިވާ ކަރަންޓު ވިއުގަ މިހާރުގެ ލޯޑަށް ނުކެތުމުގެ ސަބަބުން ވޯލްޓޭޖް ދަށްވުމާއި ކޭބަލްތައް އޯވަލޯޑްވުމުގެ މައްސަލަތައް ކުރިމަތިވާ ކަމަށެވެ. މި މައްސަލައަށް ސަރުކާރުން ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި އެގޮތުން ރަށުގެ ކޭބަލް ނެޓްވަރކް އަޕްގްރޭޑްކުރުމަށް ބޭނުންވާ ސާވޭއާއި ޑިޒައިންގެ މަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ. މި މަޝްރޫޢު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.

ކިހާދޫގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް އިތުބާރު ހިފޭ ޚިދުމަތަކަށް ހެދުމަކީވެސް ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށް ވަޒީރު އަލީ ޝަރީފް ވިދާޅުވިއެވެ. އެގޮތުން، އެ ރަށުގެވެސް ކަރަންޓުގެ ޚިދުމަތް ފެނަކައިން ސްޓެލްކޯއަށް ބަދަލުކުރުމުގެ ހުރިހާ މަސައްކަތެއް މިދިޔަ ޖުލައި މަހުގެ 20 ގައި ނިމިފައިވާ ކަމަށާއި މިބަދަލާއެކު އެރަށުގެ ކަރަންޓުގެ ނިޒާމު ހުރިގޮތާއި ކުރިމަތިވާ މައްސަލަތައް ދެނެގަތުމަށްޓަކައި ޚާއްސަ ދިރާސާއެއް ސްޓެލްކޯއިން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ކިހާދޫ އިންޖީނުގޭގެ މަޝްރޫޢުގެ ޕްރޮޓޯޓައިޕް ޑިޒައިން ހަދައި، ބިން ކަނޑައަޅާފައިވާ ކަމަށާއި އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢު އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.