ޞައްހަ މައުލޫމާތުގެ އަލީގައި ސަސްޓެއިނަބްލް ޑިވެލޮޕްމެންޓް ގޯލްސް(އެސްޑީޖީ) ނުވަތަ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޤައުމުތަކުގެ އޮޑިޓް އިދާރާތަކުން އަދާކުރަނީ ވަރަށް މުހިންމު ދައުރެއްކަމަށް، އޮޑިޓަރ ޖެނެރަލް އަދި އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓްސްގެ ރައީސް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
ނިޔާޒީ އެފަދައިން ވިދާޅުވީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާ ނިންމުމަށާއި، އޮޑިޓްކުރުމާ ބެހޭ އެންމެ މަތީ އިދާރާތަކުގެ ބައިނަލްއަގުވާމީ ޖަމްޢިއްޔާ "އިންޓޯސައި"އިން ބާއްވާ އައިޑީއައި ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ނިޔާޒީ ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއެކު ތަރައްޤީ އާއި ކުރިއެރުން ހޯދުމަށްޓަކާ އޮޑިޓް އިދާރާތަކުގެ ދައުރު ވަރަށް ފުޅާކަމަށެވެ. އެ ދައުރު ފުރިހަމައަށް އަދާކުރުމަށް "އިންޓޯސައި"އިން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ. "އައިޑީއައި" މެދުވެރިކޮށް ހިންގާފައިވާ ޕްރޮގްރާމްތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް އިދާރާތަކުގެ ޤާބިލްކަން އެތައް ގުނައެއް އިތުރުވާކަން ފާހަގަކުރައްވަމުން މިއަދު ފަށާ، އައިޑީއައި ގްލޯބަލް ސަމިޓްގެ ސަބަބުން އޮޑިޓް އިދާރާތަކުގެ މަސައްކަތްތައް އިތުރަށް ފުރިހަމަވާނެކަމަށް ވިދާޅުވިއެވެ.
"ފާއިތުވި ދުވަސްތަކުގައި ބޭއްވި މަހާސިންތާގައި 11 ގައުމެއްގެ އޮޑިޓް އިދާރާތަކުގެ ވެރިން ބައިވެރިވި. ބޭރު ޤައުމުތަކުން 46 ބައިވެރިން އަދި ރާއްޖެއިން 55 ބައިވެރިން ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާގައި ބައިވެރިވި." އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވިއެވެ.
ނިޔާޒީ ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާއަށް އަލިއަޅުވާލައްވާފައެވެ. އެ މަހާސިންތާގެ އަލީގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތްކުރުމާއި، މާލީ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރިކަން ފާހަގަކުރެއްވިއެވެ. އަދި ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި އޮޑިޓްކުރުމުގެ ދައުރު ފުޅާކުރުމަށް ވެސް އެ މަހާސިންތާގައި ޚިޔާލުބަދަލުކޮށްފައިވާކަމަށް ވިދާޅުވިއެވެ. މިކަންކަމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ ވިލުންތެރިކަމާއި، އިޤްތިސާދީ ހަމަޖެހުމާއި، އާއްމުންގެ ދުޅަހެޔޮކަމަށް ސީދާގޮތުން އަސަރުކުރާކަމަށް އޮޑިޓަރޖެނެރަލް ފާހަގަކުރެއްވިއެވެ.
"ޖަޒީރާ ޤައުމުތަކުގެ މުސްތަޤްބަލަށްޓަކާ މުހިންމު ދާއިރާތަކުން މަޝްވަރާކުރުމަށް މިމަހާސިންތާގެ ސަބަބުން މަގުފަހިވި." އޮޑިޓަރ ޖެނެރަލް ރައީސް ހުސައިން ނިޔާޒީ ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކާއި، ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތާއި، ވަސީލަތުގެ ދަތިކަމާއި، ކުރިއެރުމަށް އޮންނަ ޕްރެޝަރާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިލާން ޖެހޭކަމަށްވެސް ނިޔާޒީ ވިދާޅުވިއެވެ.
ތިން ދުވަހަށް ކުރިއަށް ގެންދިޔަ، ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާގެ މަޤްސަދަކީ އޮޑިޓްކުރުމުގައި ބޭނުންކުރާ އަމަލީ އުސޫލުތައް ހިއްސާކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ތަންފީޒުވަމުންދާ މިންވަރު ވަޒަންކުރުމުގައި އެ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުމެވެ. މި މަހާސިންތާއަށް ފަހު ފަށާ (އައިޑީއައި ގްލޯބަލް ސަމިޓް)ކުރިއަށް ދާނީ މި މަހުގެ 6-7އަށެވެ.