ޚަބަރު

ސްރީ ލަންކާގައި ފެންބޮޑުވެ ބައެއް ސަރަޙައްދުތަކުގެ މަދަރުސާތައް ބަންދުކޮށްފި


ސްރީ ލަންކާގެ މެދުތެރޭގެ އުސްބިންތައް ގިނަ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ނުރައްކާތެރި ހާދިސާތަކެއް ހިނގައި، ހަތް މީހުން މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކަށް އަނިޔާވުމާ ގުޅިގެން އެ ސަރަޙައްދުގެ މަދަރުސާތައް ބަންދުކޮށްފިއެވެ. މޫސުމީ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ސައިފަތް ހައްދާ ސަރަޙައްދުތަކަށެވެ. 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު ވެސް ބާރުގަދަ ތޫފާނެއް ކަމުގައި 'ދިތުވާ' ގެ ސަބަބުން އެ ސަރަޙައްދުން ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ތޫފާނުގެ ސަބަބުން 640 މީހުން މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާއިރު، ލިބިފައިވާ ގެއްލުމުގެ އަގު 4.1 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ.

އެ ސަރަޙައްދަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފަސް މީހަކު މަރުވީ ކިސަޑު ފޭބުމުގެ ހާދިސާތަކެއްގައި ކަމުގައި ސްރީ ލަންކާގެ ކާރިސާތަކާ ބެހޭ އިދާރާގެ ތަރުޖަމާނު ޕްރަދީޕް ކޮޑިއްޕިލި ވިދާޅުވިއެވެ. އިތުރު ދެ މީހުން މަރުވީ ފެންބޮޑުވުމުގެ ހާދިސާތަކުގައެވެ. މީގެ އިތުރުން، 129 ގެއަކަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، 3,500 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ފެންބޮޑުވުމުގެ ސަބަބުން ގެދޮރުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ސްރީ ލަންކާގެ އަސްކަރިއްޔާއާއި ކަނޑުގެ ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.

މިިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ނުވަރައެލިޔައާއި ބަދުއްލަ ހިމެނޭ ސަރަޙައްދަށެވެ. މިއީ، ވިއްސާރަ މޫސުމުގައި ބިންގަނޑު ކެނޑުމުގެ ނުރައްކާ ބޮޑު ސަރަޙައްދުތަކެކެވެ. 2025 ވަނަ އަހަރު ވެސް އެ ސަރަޙައްދުތަކުގައި ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވެއެވެ. ތޫފާން ދިތުވާގެ ސަބަބުން ސައިފަތް ހައްދާ އެ ސަރަޙައްދުތަކުގައި ހިނގި ނުރައްކާތެރި ހާދިސާތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު މަރުވުމާއެކު، އެ ފަހަރު ވެސް ގިނަ މަދަރުސާތަކާއި އޮފީސްތައް ބަންދުކުރުމަށް މަޖުބޫރުވިއެވެ.