ޚަބަރު

ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް


  • 6 އެއާލައިނެއް މެދުވެރިކޮށް މުދާ ފޮނުވާފައިވޭ

  • 10 ޤައުމަކަށް ވަނީ މުދާ ފޮނުވާފައި

މދިޔަ މަހު ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ މަހާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖުލައި މަހު ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 633 ޓަނުގެ މުދާ ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. މިއީ އޭގެ ކުރީ މަހު މި ޚިދުމަތް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވި 335 ޓަނުގެ މުދާއާ އަޅާ ބަލާއިރު 88 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ މަހު ރާއްޖެއިން 6 އެއާލައިނެއް މެދުވެރިކޮށް ދުނިޔޭގެ 10 ޤައުމަކަށް ވަނީ، މުދާ ފޮނުވާފައެވެ. އަދި މިއީ، ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ 131 ޓީއީޔޫސްއެވެ.

މިދިޔަ މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް މުދާ ފޮނުވި އެއާލައިންތައް:

• އެމިރޭޓްސް
• އިއްތިހާދު އެއާވޭސް
• ގަތަރު އެއާވޭސް
• ސައުދިއާ އެއާލައިން
• ސްވިސް އެއާވޭސް
• ޓާކިޝް އެއާލައިން

މިދިޔަ މަހަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތާރީޚުގައިވެސް އެންމެ ގިނަ އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ ރާއްޖެއިން ބޭރަށް ފޮނުވި މަހެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ އަދަދު 2,000 ޓަނަށްވުރެ މައްޗަށް އަރާފައިވެއެވެ. މިއީ، އެއަރޕޯޓުގެ ތާރީޚުގައި މިފަދަ މިންވަރަކަށް މަހެއްގެ މައްޗަށް މުދާ އުފުލި ފުރަތަމަ ފަހަރު ކަމަށް އެމްއޭސީއެލުން މައުލޫމާތުދެއްވައެވެ.

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ. މި ޚިދުމަތަށް މިހާރު 17 އަށްވުރެ ގިނަ އެއާލައިން ވަނީ ގުޅިފައެވެ. މި ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ އެމްއޭސީއެލްއާއި، އެމްޕީއެލް ގުޅިގެންނެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ކުރަމުން އަންނަ އަދި މި މަސައްކަތުން އެޤައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބޭ މަސައްކަތެކެވެ. މީގެ އިތުރުން، ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކަކުން ދަތުރު ކުރާ ޤައުމަކަށްވާއިރު، މި ޚިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުޞަތުތައް ގިނަކަމަށް ސަރުކާރުން ވިދާޅުވެއެވެ.