ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ހުރި ފަލަސްޠީނުގެ އާސާރީ އަދި ތާރީޚީ 70 އަށްވުރެ ގިނަ ސަރަޙައްދު އަތްދަށުކުރުމަށްޓަކައި 37 މިލިއަން ޑޮލަރު ކަނޑައަޅާފައިވާކަން ޔަހޫދީ ދައުލަތުގެ މާލީ ވަޒީރު ބެޓްސަލް ސުމޯޓްރިޗް އިޢުލާންކޮށްފިއެވެ.
ޔަހޫދީންގެ މާލީ ވަޒީރު، ބެޓްސަލް ސުމޯޓްރިޗް އިއުލާނުކުރި ގޮތުގައި، މި ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ 70 އަށްވުރެ ގިނަ ތާރީޚީ ސަރަޙައްދުތަކާއި ބިނާތައް ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށެވެ. ޔަހޫދީ ދައުލަތުގެ ޤާނޫނުހަދާ މަޖިލީހުގެ ކޮމިޓީއަކުން ފާސްކުރި މި ފަންޑަކީ، ހުޅަނގު އައްސޭރިއާއި އުރުދުން ވާދީގައިވާ އާސާރީ ބިނާތައް އަތްދަށުކުރުމަށް އަމާޒުކޮށް މިދިޔަ މެއި މަހު ފާސްކުރި 83 މިލިއަން ޑޮލަރު ބޮޑު ރޭވުމުގެ ބައެކެވެ.
އެ ކޮމިޓީގެ ބަޔާނުގައި ބުނެފައިވަނީ، ޔަހޫދީ ވަޒަންވެރިންގެ ވުޒާރާއަށް ސީދާ ފަންޑިންގގެ ގޮތުގައި 52 މިލިއަން ޑޮލަރު ލިބޭއިރު، އިތުރު އިލްތިޒާމްތަކުގެ ދަށުން 47 މިލިއަން ޑޮލަރު ލިބޭނެއެވެ.
އަނިޔާވެރި ޔަހޫދީ ސަރުކާރުން ފަލަސްޠީނުގެ މިލްކިއްޔާތުތަކާއި ބިންތަކުގެ މައްޗަށް ދައުލަތުގެ ބާރު ފުޅާކުރުމަށް މަސައްކަތްކުރާއިރު، މި ތާރީޚީ ބިނާތަކަކީ ޔަހޫދީ ތަރިކައިގެ ސަރަޙައްދުތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއަކީ ސަތޭކަ އަހަރުވީ ގަދީމީ އެތައް ހާސް އާސާރީ އަދި ތާރީޚީ ބިނާތަކެއް ހުރި ބިމެކެވެ.
ފަލަސްޠީނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މީގެ އަމާޒަކީ ބައިތުލަޙަމް ކައިރީގައިވާ ސުލައިމާން ޢަލައިހިއްސަލާމްގެ ޙައުޟުތައް ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމެވެ.
މިއީ މީގެ ކުރިންވެސް ސުމޯޓްރިޗް ޔަހޫދީންގެ ބާރުގެ ދަށަށް ގެންނަން މަސައްކަތްކޮށްފައިވާ ތަނެކެވެ. ސުމޯޓްރިޗް ހާމަކުރި ގޮތުގައި 2022 ވަނަ އަހަރުން ފެށިގެން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި 104 ޣައިރުގާނޫނީ ވަޒަންވެރި އާބާދީއާއި ވަޒަންވެރިންގެ 160 އައުޓްޕޯސްޓު ހެދުމުގެ ޙުއްދަ ވަނީ ދީފައެވެ.
ޔަހޫދީން ޤާއިމުކުރާ މިފަދަ އާބާދީތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ޣައިރުޤާނޫނީ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނެކެވެ.
ފަލަސްޠީނުގެ މީޑިއާތަކާ ޙަވާލާދީ މަޢުލޫމާތު ލިބޭގޮތުގައި، މިއަހަރުގެ މިހާތަނަށް ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިންނާއި އަސްކަރިއްޔާއިން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް 11,000 އަށްވުރެ ގިނަ ޢުދުވާނީ ހަމަލާ ދީފައިވާއިރު، ޣައިރުޤާނޫނީ އާބާދީތައް ފުޅާކުރުމަށް ޔަހޫދީން ދޭ ފައިސާ ގެ އެހީ، ވަނީ އިތުރުކޮށްފައެވެ.