ޚަބަރު

"ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ"


  • ފިތުނަވެރި ވާހަކަތަކާމެދު ރައްޔިތުން ސަމާލުވުމަށް ރައީސް އިލްތިމާސްކުރެއްވި

  • ގައުމުގެ ކުރިއެރުމަށް ކުރާ މަސައްކަތް ހުރިހާ ފަރާތްތަކުންވެސް ބަލައިގަންނަންޖެހޭކަން ރައީސް ފާހަގަކުރެއްވި

ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ރާއްޖޭގައި ޖާގައެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުުޅު ދައްކަވަމުންނެެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ ގައުމަށް ހަމަޖެހުން ގެނައުން ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި އޮތް ބަދަލުހިފުމުގެ ރޫހު އެއްކޮށް ނައްތާލާ، ގައުމަށް މަންފާކުރާނެ ވިސްނުން ގެންގުޅުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ އެންމެ މުހިންމީ ގައުމު އިސްކުރުން ކަމަށާއި ނަމަވެސް މިއަދުގެ ސިޔާސީ މަސްރަހުން މި މަންޒަރު ފެންނަމުން ނުދާކަމަށެވެ. އަދި ބައެއް ފަރާތްތަކުން ގައުމު އިސްނުކޮށް، އަމިއްލަ މަސްލަހަތު އިސްކޮށް ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ގައުމު އިސްނުކުރޭ. ގައުމު އިސްނުކުރާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަމުންދަނީ. ގައުމަށް ރަނގަޅުކަމެއް ކުރާކަމުގައި ވަންޏާމު، ރައްޔިތުންނަށް ރަނގަޅުކަންތައް ފޯރުކޮށްދޭނެ ކަމަށްވަންޏާ އެކަންކަމަކީ ހަމަ ރަނގަޅު ކަންތައްތައް. އެކަންކަމަށް އިދިކޮޅު ފަރާތްތަކުން ސިޔަސީ ފަރާތްތަކުން ޖެހޭޏެ އެޔަށް އެއްބާރުލުންދޭން. އެއީ ގައުމު އިސްކުރާނަމަ ކަންތައްތައް އޮންނާނެ ގޮތަކީ. އެހެނެއްނޫނެއްނޫންތޯ މި ރާއްޖޭގައި މިހާރު ކަންތައްތައް ވަނީ މިހާރު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށްލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެ ފަރާތްތަކުން ގައުމު ހަލަބޮލިކުރަން ކުރާ މަސައްކަތްތައް ދެނެގަނެ، މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން އިބުރަތް ހާސިލްކޮށް، ބުއްދީގެ ބޭނުންކޮށްގެން ކަންކަން ވަޒަންކުރަން އެނގޭ ބަޔަކަށް ރައްޔިތުން ވާންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންމަ އަޅުގަނޑު މުޅި ރާއްޖޭގެ އެންމެންގެ ކިބައިންވެސް އެދެނީ މިގޮތުގައި ކުރިއަށްދާށޭ. އޭރުން އަޅުގަނޑުމެންގެ ގައުމު އަނެއްކާވެސް ހަމަނުޖެހުމުގެ ތެރެއަށް ވައްޓާނުލެވޭނެ. އޭރުން އަޅުގަނޑުމެން އެ ފަނާކުރުމުގެ މަގުން ދާން އުޅޭ އުޅުމަކަށް ޖާގައެއް ނުލިބޭނެ. އޭރުން އަޅުގަނޑުމެންގެ މިނިވަންކަމާއި ގައުމުގެ ސިޔާދަތު ނުރައްކަލަށް ވައްޓާލުމުގެ ޖާގައެއް ނުލިބޭނެ. އޭރުން އަޅުގަނޑުމެންގެ އިގުތިޞާދު އަނެއްކާވެސް އަނދަވަޅަކަށް ވައްޓާލުމުގެ ފުރުސަތެއް ނުދެވޭނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާޒީގައި ކަންކަން ހިނގާފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތް ފެންނަން އެބައޮތް ކަމަށާއި، މިހާރު ދައްކާ ވާހަކަތަކަކީ އޮށްޓަރެއް ހުރި ވާހަކަތަކެއްތޯ ބަލަންޖެހޭ ކަމަށެވެ. އަދި ކޮންމެ ދާއިރާއަކުން ބެލިޔަސް ހެކިތަކާއި ހަގީގަތް ފެންނަން ހުރި އިރު، ސިޔާސީ ލީޑަރުންނަށް އެކަންކަން ދޮގު ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކޮށް، ގައުމު އިސްކުރުމުގެ ސިފަ އަށަގަންނުވައިފިނަމަ ގައުމުގެ ކަންތައްތައް ހަމަމަގުން ގޮސް، އުފާފާގަތި ދުވަސްތަކެއް ރައްޔިތުންނަށް ލިބޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.