ރެއާލް މެޑްރިޑަށް ކުޅެމުންދާ ބްރެޒިލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާއަށް އެ ކްލަބުން އަގު ބޮޑު އެއްބަސްވުމެއް ހުށައަޅައިފިއެވެ.
މި ސީޒަނުގެ ނިޔަލަށް ރެއާލް މެޑްރިޑް އާއިއެކު ވިނީޝިއުސް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު އޭނާ ހޯދުމަށް ޕްރިމިއާ ލީގުގެ އާސެނަލް އިން ދަނީ މަސައްކަތްކުރަމުންނެވެ. އަދި އެއާއިއެކު ރެއާލް މެޑްރިޑް އިން ވަނީ ވިނީޝިއުސްގެ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް އިއްޔެ ފަށާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރެއާލް މެޑްރިޑް އިން އަލަށް ހުށައަޅާފައިވާ އެއްބަސްވުމުގައި ވަނީ އޭނާގެ މުސާރަ ބޮޑުކޮށްފައެވެ. އަދި އެހެންކަމުން ވަރަށް އަވަހަށް ދެ ފަރާތުގެ ދެމެދުގައި އައު އެއްބަސްވުމެއްގައި ސޮއި ކުރެވޭނެއެވެ.
މީގެ ކުރިން ރެއާލް މެޑްރިޑްގެ ހުށައެޅުން ވިނީޝިއުސް ގަބޫލުނުކޮށްފައިވަނީ އޭނާއަށް ލިބޭ މުސާރަ ބޮޑު ކުރަން އެ ކްލަބުން އެއްބަސްނުވުމުގެ ސަބަބުންނެވެ.
ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ހޯސޭ މޮރީނިއޯ ބޭނުންވަނީ ވިނީޝިއުސް އެ ކްލަބުގައި މަޑު ކުރުމަށެވެ.
ރެއާލް މެޑްރިޑްގައި ހޭދަކުރި ދުވަސްތަކުގައި ވިނީޝިއުސް ވަނީ އެ ކްލަބަށް ކުޅެދިން 375 މެޗުގައި 128 ލަނޑު ޖަހާފަ އެވެ.
ވިނީޝިއުސް އާއިއެކު ރެއާލް މެޑްރިޑް އިން ހަދާފައިވާ އެއްބަސްވުން އައު ކުރުމާއި ގުޅޭ ގޮތުން ފާއިތުވެދިޔަ 18 މަސްދުވަހު ރެއާލް މެޑްރިޑާއިއެކު އޭނާގެ އެޖެންޓުން ވަނީ މަޝްވަރާތަކެއް ކޮށްފައެވެ. ނަމަވެސް އެކަމަށް ރަގަޅު ހައްލެއް އައިސްފައިނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ރެއާލް މެޑްރިޑާއިއެކު ވިނީޝިއުސް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2027 ގެ ސީޒަނުގެ ނިޔަލަށް ހަމަވާއިރު ދެ ފަރާތަށް އައު އެއްބަސްވުމަކަށް ނާދެވިއްޖަނަމަ މި ސީޒަނަށްފަހު ވިނީޝިއުސް ބޭނުން ޓީމަކަށް ފްރީ އެޖެންޓެއްގެ ގޮތުގައި ދެވޭނެއެވެ.