ޚަބަރު

ސާފް ޗެމްޕިއަންޝިޕުގައި ފުރުސަތު ބޮޑީ އިންޑިއާގެ ޒުވާން ޓީމު ވާދަކުރުން


  • އިންޑިއާގެ ސީނިއާ ޓީމު އެމުއްދަތުގައި ނިއުޒިލެންޑާ ދެކޮޅަށް މެޗުތަކެއް ކުޅޭނެ

  • 2018ވަނަ އަހަރުވެސް އިންޑިއާއިން ފޮނުވީ 23 އަހަރުން ދަށުގެ ޓީމު

އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި، އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު ބައިވެރިވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވިއްޖެއެވެ.

މީގެކުރިންވެސް ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާއިން ޒުވާން ޓީމު ބައިވެރިކޮށްފައިވާއިރު، މިފަހަރުގެ މުބާރާތުގައި އިންޑިއާގެ ޒުވާން ޓީމު ވާދަކުރާނެކަމަށް ބެލެވެނީ، މުބާރާތް އޮންނަ މުއްދަތުގައި އިންޑިއާއިން ނިއުޒިލެންޑާ ދެކޮޅަށް މެޗުތަކެއް ކުޅެން ތާވަލުކޮށްފައިވާތީއެވެ.

ސާފް ޗެމްޕިއަންޝިޕް ތާވަލުކޮށްފައި ވަނީ ނޮވެމްބަރު 4 އިން 17 އަށެވެ. މި މުއްދަތުގެ ތެރޭގައި އިންޑިއާގެ ސީނިއަރ ޓީމުން، ބައިނަލްއަގްވާމީ އެކުވެރިކަމުގެ ދެ މެޗެއް ކުޅެން ތާވަލުކޮށްފައިވެއެވެ. އިންޑިއާ ފުޓުބޯޅައިގެ މައި އިދާރާ، އޯލް އިންޑިއާ ފުޓުބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) އިން އިއުލާނުކޮށްފައިވާ ގޮތުގައި ނޮވެމްބަރު 12 ވަނަ ދުވަހު އިންޑިއާއިން ނިއުޒިލެންޑާ ދެކޮޅަށް މެޗެއް ކުޅޭނެއެވެ. އަދި 15 ވަނަ ދުވަހުވެސް އެ ޤައުމާ ދެކޮޅަށް މެޗެއް ކުޅެން ތާވަލުކޮށްފައިވެއެވެ.

އޭއައިއެފްއެފް އިން ބުނެފައިވާ ގޮތުގައި މި ދެ މެޗުގައިވެސް ކުޅޭނީ އިންޑިއާގެ ސީނިއަރ ފުޓުބޯޅަ ޓީމެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ނޮވެމްބަރު 11 ވަނަ ދުވަހު، ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާއިން ރާއްޖެއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭނެއެވެ. އެއީ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމުގެވެސް ފަހު މެޗެވެ.

ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، ސެމީގެ މެޗުތައް ފަށާނީ ނޮވެމްބަރު 14 ވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗު ކުޅޭނީ 17 ވަނަ ދުވަހުއެވެ.

އެހެންކަމުން، ނިއުޒިލެންޑާ ދެކޮޅަށް އިންޑިއާއިން ކުޅޭ ދެ މެޗު ދިމާވަނީ، ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާއިން މުހިންމު މެޗުތަކެއް ކުޅެން ޖެހޭ ދުވަސްތަކާ ޖެހިގެން އޮންނަ ދުވަހަށެވެ. ކަން މިހެން އޮތުމުން، ސީނިއަރ ޓީމަށް ޖެހިޖެހިގެން ދެ ދުވަހު، ދެ މެޗު ކުޅުމަކީ ވާނެކަމަކަށް ނުވާއިރު، މިހާރު ނިންމާފައިވާ ގޮތަށް ނިއުޒިލެންޑާ ދެކޮޅަށް އިންޑިއާގެ ސީނިއަރ ޓީމު ކުޅޭނަމަ، ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާގެ ޒުވާން ޓީމު ވާދަކުރުމުގެ ފުރުސަތު ނުހަނު ބޮޑުވާނެއެވެ.

އިންޑިއާއިން ވަނީ މީގެކުރިން ދެ ފަހަރެއްގެ މަތިން މުބާރާތަށް ޒުވާން ޓީމު ފޮނުވާފައެވެ. އެއީ 2009 ވަނަ އަހަރުގައި އާއި 2018 ވަނަ އަހަރުގައެވެ.

އެ ދެ ފަހަރުވެސް އިންޑިއާއިން ރާއްޖެއާ ދެކޮޅަށް ކުޅުނުއިރު 2009 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ވަނީ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން އިންޑިއާ އަތުން ބަލިވެފައެވެ. އަދި 2018 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި އިންޑިއާ ހިމެނެނީ ޕާކިސްތާނާއެކު ގްރޫޕް ބީގައެވެ. ގްރޫޕް އޭގައި ވާދަކުރަނީ ހޯސްޓު ބަންގްލަދޭން، ބޫޓާން އަދި ސްރީލަންކާއެވެ..