ޚަބަރު

ލުބްނާން ޢުދުވާން ފުޅާކުރަނިކޮށް ޔަހޫދީ ސިފައިންގެ ދެ މީހުން މަރައިލައިފި


ލުބްނާން ސަރުކާރާއި ޔަހޫދީ ދައުލަތާ ދެމެދު ޞުލްޙައިގެ މަޝްވަރާތައް ކުރިއަށްދަނިކޮށް، ލުބްނާންގެ ޢާންމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފުޅާކުރަމުންދިޔަ ޔަހޫދީ ސިފައިންގެ ދެ މީހުން މަރުވެއްޖެއެވެ. ރައްދުގައި ޔަހޫދީ ސިފައިން ވަނީ ލުބްނާންގެ ރަށްތަކަށް ވަރުގަދަ ހަމަލާތަކެއްދީ އެކަކު ޝަހީދު ކޮށްލާފައެވެ. ޔަހޫދީ ސިފައިންގެ ދެ މީހުން މަރުވީ ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله ގެ ހަމަލާއެއްގައި ކަމަށް ބެލެވެއެވެ. އެ ހާދިސާގައި ޔަހޫދީ ސިފައިންގެ ހަތަރު މީހުން ޒަޚަމުވިއެވެ. ޔަހޫދީ ފައުޖުގެ ޢުދުވާނީ ހަމަލާތައް ފުޅާކޮށްފައި މި ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ޙައްލުކުރުމަށް އެމެރިކާއިން މެދުވެރިވެގެން ޖޫން މަހު ވެވުނު އެއްބަސްވުމަށްފަހު، އިޓަލީވިލާތުގެ ރޯމްގައި މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

ޔަހޫދީ ސިފައިންގެ ދެ މީހުން މަރުވީ، ލުބްނާންގެ ދެކުނުގެ ސަރަޙައްދެއްގައި ލާއިންސާނީ ޖަރީމާތައް ހިންގަމުން ދަނިކޮށް، ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުންނެވެ. މިއީ، ޙިޒްބުالله އިން ދިން ހަމަލާއެއް ކަމުގައި ބެލެވޭއިރު، އެ ޖަމާޢަތުން މި ކަމުގެ ޒިންމާ އުފުލާފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ. މި ހާދިސާގައި ޔަހޫދީ ސިފައިންގެ އިތުރު ހަތަރު މީހުން ޒަޚަމުވިއެވެ. ރައްދުގައި ޢުދުވާން ފުޅާކޮށް، ޔަހޫދީ ސިފައިން ވަނީ ތިބްނީން އަވަށަށް ހަމަލާދީ، އެކަކު ޝަހީދު ކޮށްލާފައެވެ. އެ ހަމަލާގައި 12 މީހުން ޒަޚަމުވި ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. ޔަހޫދީންގެ ޢުދުވާންތައް ފުޅާކޮށްފައި މި ވަނީ، ޙިޒްބުالله އިން ޞުލްޙައިގެ އެއްބަސްވުމާ ޚިލާފުވަމުންދާ ކަމުގައި ތުހުމަތުކޮށެވެ. ނަމަވެސް، އެއްބަސްވުމަށް ޢަމަލުކުރުމަށް އިންކާރުކޮށް، ލުބްނާންގެ ބިންތަކުން ފޭބުމަށް ދެކޮޅު ހަދަމުން ދަނީ ޔަހޫދީ ފައުޖުންނެވެ.

ތިބްނީން އަވަށުގެ އިތުރުން ލުބްނާންގެ ޞޫރަށް ވެސް ޔަހޫދީ ސިފައިން ވަނީ ނިރުބަވެރި ހަމަލާތަކެއް ދީފައެވެ. ލުބްނާންގެ ނޭޝަނަލް ނޫސް އޭޖެންސީން (އެންއެންއޭ) ބުނީ، ބުރްޖު ޝަމާލީ އަވަށަށް ޑްރޯން ހަމަލާތަކެއް ދިނުމަށްފަހު، އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށް އެ ސަރަޙައްދަށް ހަތަރު ފަހަރެއްގެ މަތިން ބޮންއަޅާފައިވާ ކަމުގައެވެ. މި ހަމަލާތަކުގައި ހަތަރު މީހަކު ޒަޚަމުވެ، ހަސްފަތާލަށް ގެންގޮސް ފަރުވާދޭން ޖެހުނު ކަމުގައި އެންއެންއޭއިން ރިޕޯޓުކުރިއެވެ. މި ހަމަލާތަކާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު އެ އަވަށް ދޫކޮށް ރައްކާތެރިކަން ހޯދުމަށް ޞޫރަށް ބަދަލުވާން މަޖުބޫރުވިއެވެ.