ޚަބަރު

މިދިޔަ އަހަރު 5625 ކުދިން އުފަންވި، 1399 މީހަކު ނިޔާވި


  • ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ދަނީ އަހަރުން އަހަރަށް ދަށްވަމުން

  • ރާއްޖޭގައި ނިޔާވި މީހުންގެ ތެރެއިން ގިނައީ އުމުރުން 65 އަހަރުން މަތީގެ މީހުން

ރާއްޖޭގައި މިދިޔަ އަހަރު 5600 އަށްވުރެ ގިނަ ކުދިން އުފަންވެފައިވާކަމަށާއި، އަދި 1300 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން ނިޔާވި މީހުންގެ ތެރޭގައި ގިނައީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ.

ސިއްޙީ ވުޒާރާއާއި ތަފާސްހިސާބާބެހޭ ޤައުމީ އިދާރާ ގުޅިގެން ހާމަކޮށްފައިވާ "ކުއަރޓަލީ ވައިޓަލް ސްޓެޓިސްޓިކްސް" ރިޕޯޓުގައި ވޭތުވެދިޔަ އަހަރުގެ އެކި ކުއާޓަރތަކުގައި ރާއްޖޭގައި އުފަންވި ކުދިންނާއި އަދި މަރުވީ ކުދިންނާއި މަރުވި މީހުންގެ ތަފާސްހިސާބު ހާމަކޮށްފައިވެއެވެ. މިރިޕޯޓުގައި ދައްކާގޮތުން މިދިޔަ އަހަރު ރާއްޖޭގައި ޖުމްލަ 5625 ކުދިން ވިހާފައިވާއިރު އެކި ޢުމުރުގެ 1399 މީހުން ވަނީ ނިޔާވެފައެވެ. ރާއްޖޭގައި އުފަންވި ކުދިންގެ ތެރޭގައި ގިނައީ ފިރިހެން ކުދިންނެވެ. އެގޮތުން 2835 ފިރިހެން ކުދިން އުފަންވެފައިވާއިރު އުފަންވި އަންހެން ކުދިންގެ އަދަދަކީ 2789 އެވެ. ރާއްޖެއިން ބޭރުގައި 28 ދިވެއްސަކު ވަނީ ނިޔާވެފައެވެ.

ނިޔާވި މީހުންގެ ތެރޭގައި އެންމެ ގިނައީ ޢުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 858 މީހުންނެވެ. ޢުމުރުން 18 އަހަރާއި 64 އަހަރާއި ދެމެދުގެ ޢުމުރުގެ 451 މީހުން ވަނީ ނިޔާވެފައެވެ. ޢުމުރުން 5 އަހަރާއި 17 އަހަރާއި ދެމެދުގެ 14 ކުދިން ނިޔާވެފައިވާއިރު، ޢުމުރުން 4 އަހަރުން ދަށުގެ 75 ކުއްޖަކުވަނީ ނިޔާވެފައެވެ.

ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް މަދުވުމުގެ ކަންބޮޑުވުން އެބައޮތެވެ. ދުވަސްވީ އާބާދީ އިތުރުވެ ރާއްޖޭގައި މަސައްކަތްކުރާ އާބާދީ މަދުވުމުގެ ކަންބޮޑުވުމާއެކު އާބާދީއަށް އަންނަ ބަދަލާއެކު ރާއްޖޭގެ އިޤްތިޞާދާއި ދިވެހީންގެ މުސްތަޤުބަލަށްވެސް މީގެ އަސަރުކުރާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ. ރާއްޖޭގައި އޮތް ޒުވާން އާބާދީ ކުރިއަށްއޮތް 30 އަހަރުގެ ތެރޭގައި މުސްކުޅިވާއިރު ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް އަންނަނީ އަހަރުން އަހަރަށް ދަށްވަމުންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އުފަންވާ ކުދިންގެ އާބާދީ އެންމެ ރަނގަޅަށް ހުރިކަމަށް ދައްކަނީ 1995 ވަނަ އަހަރުއެވެ. އޭރު އެވްރެޖްކޮށް އަންހެނަކު 6.4 ކުދިން ވިހާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިނިސްބަތް ދަށްވަމުން އައިސް 2022 ވަނަ އަހަރު ކޮންމެ އަންހެނަކު ވިހާ ނިސްބަތް 1.7 ކުދިންނަށް ވަނީ ދަށްވެފައެވެ.

ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ދަށަށް ދާ މައިގަނޑު ސަބަބުތަކަކީ އިޖުތިމާޢީ މައްސަލަތަކާއި ގުޅިފައިވާ ކަންކަމެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ދަތިކަމާއި، ވަރި ގިނަ ވުމުގެ މައްސަލަތައް ހިމެނެއެވެ.