މިޞްރު ޤައުމީ ޓީމުގެ ކެޕްޓަން މުޙައްމަދު ސަލާހް ޓަރކިޝް ސުޕަރ ލީގުގެ ތުރަބްޒޮންސްޕޯއަށް ސޮއިކޮށްފިއެވެ.
މަޢުލޫމާތުލިބޭގޮތުގައި ސަލާހްވަނީ ތުރަބްޒޮންސްޕޯއާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ވޭތުވެދިޔަ 9 ސީޒަންގައި އިންގްލިޝް ޕްރިމިއަރ ލީގުގެ ލިވަޕޫލަށް ކުޅެމުންދިޔަ ސަލާހްވަނީ އެކްލަބާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި ދެފަރާތުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ކޮންޓްރެކްޓް ބާތިލް ކޮށްފައެވެ. އަދި މިއާއެކު ތުރަބްޒޮންސްޕޯއާއި ސަލާހް ގުޅިފައިވަނީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ.
ސަލާހް ލިވަޕޫލްގައި ހޭދަކުރި 9 ސީޒަންގައި އޭނާވަނީ އެޓީމަށް ކުޅެދިން 442 މެޗުގައި 257 ލަނޑު ޖަހައިދީފައެވެ. އަދި ސަލާހް ބެލެވިފައިވަނީ ލިވަޕޫލްގެ އިތުރުން ޕްރިމިއަރ ލީގުގައި ކުޅުނު އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައެވެ. ނަމަވެސް މިދިޔަ ސީޒަންގައި ސަލާހް އާއި އެޓީމުގެ އޭރުގެ ކޯޗު އާން ސްލޮޓާ ދެމެދުގައިވާ ގުޅުން ގޯސްވެ އެންމެ ފަހުން ސީޒަން ނިމުމާއެކު އެޓީމާއި ދުރަށްދާން ނިންމީއެވެ. އަދި އުމުރުން 34 އަހަރުގެ ސަލާހްވަނީ ލިވަޕޫލާއެކު 8 ތަށި ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި ޕްރިމިއަރ ލީގު ދެ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި އެއް ފަހަރު ކާމިޔާބު ކޮށްފައިވެއެވެ.
ސަލާހް ޓަރކިޝް ސުޕަރ ލިގަށް ބަދަލުވުމުން ގިނަ ބަޔަކަށްވަނީ ހައިރާންކަން ލިބިފައެވެ. ފުޓުބޯޅައިގެ ތަޖްރިބާކާރުން ގަބޫލް ކުރިގޮތުގައި ލިވަޕޫލް ދޫކޮށްލުމަށްފަހު ސަލާހް މިސީޒަންގައި ޔޫރަޕްގެ އެހެން ބޮޑު ކުލަބަކުން ފެންނެއެވެ. ނަމަވެސް ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަށް ތުރަބްޒޮންސްޕޯއަށް ސޮއިކުރުން ވެފައިވަނީ ގިނަ ބަޔަކު ހައިރާން ކުރުވި ކަމަކަށެވެ.
ލިވަޕޫލްގެ ކުރީގެ ތަރި ޖިމީ ކެރެގަރ ބުނީ ސަލާހް ސައުދީ ޕްރޯ ލީގަށް ދާނެކަމަށް އޭނާ ދުވަހަކުވެސް އުންމީދު ނުކުރާ ކަމަށާއި އޭނާ ހީކުރީ ސަލާހް ފެނުން އެންމެ ގާތްވެގެންދާނީ އިޓާލިއަން ލީގުގެ ބޮޑު ކްލަބަކުން ކަމަށެވެ. ނަމަވެސް ޓަރކިޝް ސުޕަރ ލިގަކީ ސަލާހްގެ ފެންވަރަށް ބަލާއިރު ތަންކޮޅެއް ދަށް ލީގެއް ކަމަށް ކެރެގަރ ހާމަކުރިއެވެ. ކެރެގަރ ގަބޫލް ކުރިގޮތުގައި ސަލާހް މިސީޒަންގައި ފެނުން އެންމެ ގާތީ އޭސީ މިލާން ނުވަތަ ޔުވެންޓަސް ކަހަލަ ޓީމަކުންނެވެ. ނަމަވެސް ހަބަރު ލިބޭގޮތުގައި ސަލާހްގެ އުމުރާއި އޭނާގެ މުސާރައިގެ ޑިމާންޑް ހުރިގޮތުން އޭނާ ބޭނުންވާ ވަރުގެ މުސާރައެއް ދޭން ބޭނުންވާ މާގިނަ ޓީމެއް ނެތެވެ. ނަމަވެސް މިއާއެކުވެސް ސަލާހް ޔޫރަޕްގައި ކުޅެން ބޭނުންވުމާއެކު އޭނާއަށް ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތުގެ ބޭނުން ހިފީއެވެ.
މަޢުލޫމާތުލިބޭގޮތުގައި ތުރަބްޒޮންސްޕޯއިން ސަލާހްއަށް އަހަރަކު 14.5 މިލިއަން ޕައުންޑްގެ މުސާރައެއް ދޭނެއެވެ. އަދި އޭނާގެ ޖަރޒީއާ އެއްޗެހި ވިއްކައިގެން ލިބޭ އާމްދަނީގެ 20 އިންސައްތަވެސް ސަލާހްއަށް ދިނުމަށް އެކްލަބުންވަނީ ނިންމާފައެވެ.
ނިމިގެންދިޔަ ސީޒަންގައި ތުރަބްޒޮންސްޕޯ ސުޕަރ ލިގް ނިންމާލާފައިވަނީ ތިންވަނައިގައި އޮވެގެންނެވެ. މިއާއެކު މިސީޒަންގައި ޔުއޭފާ ޔޫރޮޕާ ލީގުގެ ޕްލޭ އޮފްގައި ވާދަކުރުމުގެފުރުސަތުވަނީ ލިބިގެން ގޮސްފައެވެ. އަދި ޕްލޭ އޮފްގެ ދެ މެޗު ކާމިޔާބު ކޮށްފިނަމަ ޔޫރަޕާ ލީގުގެ ގްރޭޕް ސްޓޭޖުން ޖާގަ ލިބިގެންދާނެއެވެ. އަދި ތުރަބްޒޮންސްޕޯވަނީ ނިމިގެންދިޔަ ސީޒަންގައި ޓަރކިޝް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.