ޚަބަރު

ތިންވަނަ ފިޔަވަހީގެ ގޯތިތަކަށް ކަރަންޓު ގުޅޭނީ އެލްޔޫޕީ ނިމުމުން: ސްޓެލްކޯ


  • ދެވަނަ ފިޔަވަހިން ދޫކޮށްފަވާ ގެތަކަށް މިހާރު ފަސޭހައިން ކަރަންޓު ގުޅޭނެ

  • ކަރަންޓު ނެޓްވޯކް މިހާރު ބަލަހައްޓަނީ ސްޓެލްކޯއިން

  • ކުރިން ނެޓްވޯކް ބެލެހެއްޓީ އެޗްޑީސީން

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރި ގޯތިތަކަށް ކަރަންޓު ގުޅޭނީ އެޗްޑީސީން ހަދަމުންދާ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތްތައް ނިންމުމުންކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. ހުޅުމާލޭގެ ކަރަންޓުގެ ނެޓްވޯކް މީގެކުރިން ބަލަހައްޓަމުން ދިޔައީ އެޗްޑީސީންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ ދަށުގައި އޮތުމަށްފަހު، ސްޓެލްކޯއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 18ވަނަ ދުވަހުއެވެ.

ހުޅުމަލެއަށް ކަރަންޓު ފޯރުކޮށްދެނީ ސްޓެލްކޯއިންނެވެ. ނަމަވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެކި ޕްރޮޖެކްޓްތަކަކުގައި އެ ހައުސިން ޔުނިޓްތަކަށް ކަރަންޓު އަޅަނީ އެޗްޑީސީން ހަވާލުކުރާ ކުންފުނިތަކުންނެވެ. ނެޓްވޯކް ބެހެލެއްޓުމުގެ މަސައްކަތް ކުރަނީވެސް އެޗްޑީސީގެ ބެލުމުގެ ދަށުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ގިނަ އަދަދަކަށް އަމިއްލަ މީހުންނަށް ގޯތި ވަނީ ދޫކޮށްފައެވެ. އެގެތަކަށް ކަރަންޓު އެޅުމުގައި ލަސްވުމާއި އެކަމަށްހުރި ގޮންޖެހުންތަކަކީ އެ ރައްޔިތުންގެ އޮތް ބޮޑު ޝަކުވާއެކެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި މިހާރު ވަނީ މި މައްސަލައަށް ޙައްލު ގެނެވިފައެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ލިބިފައިވާ މީހުން، އެގެތަކަށް ކަރަންޓު އެޅުމަށް އެކަމަށް އެދުމުން، ކަނެކްޝަން ގުޅައިދޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ފޭސް 3 ނުވަތަ އަލަށް ހިއްކި ސަރަޙައްދުގެ ގެތަކަށް އަދި ކަރަންޓު ފޯރުކޮށްނުދެނޭކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އޭގެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ 3ވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތްތައް ފައިނަލް ކުރުމުގެ މަރުޚަލާގައިވާތީކަމަށެވެ. އެ ސަރަޙައްދުގެ ކަރަންޓު ނެޓްވޯކްގެ މަސައްކަތްތައް ކުރާނީ ލޭންޑް ޔޫސް ޕްލޭންގެ ފައިނަލްވުމުންކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެކުރީގެ ބައެއް މަޝްރޫޢުތަކުގައި ބޭރުގެ ކުންފުނިތަކާ ހަވާލުކޮށް ކަރަންޓު ނެޓްވޯކްގެ މަސައްކަތްކުރުމުގެ ސަބަބުން، މައްސަލަ ދިމާވުމުން އެކަންކަން ޙައްލުކުރުމުގައި ގިނަ ގޮންޖެހުންތައް ކުރިމަތިވެއެވެ. ނަމަވެސް މި ބަދަލާއެކު، މިފަދަ މައްސަލަތައް އަވަހަށް ޙައްލުވެ، ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް ލުޔެއް ލިބިގެންދާނެއެވެ.

ސްޓެލްކޯއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ކުންފުނިން އިމަޖެންސީ ރެސްޕޮންސް ސެންޓަރެއް ގާއިމުކުރުމަށް ބޭނުންވާ ޖާގަވެސް އެޗްޑީސީން އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

ހުޅުމާލެއަކީ މިހާރު ރާއްޖޭގައި އެންމެ ބާރަށް އާބާދީ އިތިރުވަމުން އަންނަ ރަށެވެ. މި އާބާދީއަށް ބޭނުންވާ ޔުޓިލިޓީ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އޭގެތެރޭގައި ހިމަނައިގެން ކަރަންޓުގެ ކެޕޭސިޓީ ބޮޑުކުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި 70 މެގަވޮޓްގެ އިންޖީނުގެއެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރަމުންދާކަމަށް ސްޓޭލްކޯއިން މަޢުލޫމާތުދެއެވެ.