ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ހިންގާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ބ. އަތޮޅު މުބާރާތުގައި، ވަރުގަދަ އޭދަފުށި ބަލިކޮށް، މާޅޮހުން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
ފުޓުބޯޅައިގައި "ރާއްޖޭގެ ބްރެޒިލް" ގެ ގޮތުގައި ނިސްބަތްކުރެވޭ އަދި ފުޓްސަލްގައި ވެސް ބޮޑު ނަމެއްގެ ގޮތުގައި އޮތް އޭދަފުށީގެ މައްޗަށް މާޅޮހުން ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ.
މިއީ މާޅޮހަށް ފުޓްސަލްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު، އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ. އަތޮޅު ފެންވަރުގައި ކުޅޭ މުބާރާތްތަކާއި ގައުމީ ފެންވަރުގައި ކުޅޭ ފުޓްސަލް މުބާރާތްތަކުގެ އަތޮޅު ބުރުގައި ވެސް އޭދަފުށި ފާހަގަކުރެވެނީ ބަލިކުރަން އުނދަގޫ ޓީމެއްގެ ގޮތުގައެވެ.
އޭދަފުށީގެ ދަނޑުގައި ކުޅެ މާޅޮހުން އެ ޓީމު ބަލިކުރި މި މެޗުގެ ފުރަތަމަ ހާފުގައި މާޅޮހުން ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދީ ލީޑުނަގައިދިނީ މެޗުގެ 6ވަނަ މިނެޓުގައި މުޙައްމަދު ނަބީލެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން ނަބީލް ވަނީ އިތުރު ލަނޑެއް ޖަހައި މާޅޮހަށް ލީޑު ފުޅާކޮށްދީފައެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ މާޅޮހުން ދެވަނަ ހާފު ފެށިއިރު، މި ހާފުގައި ވެސް ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ އެ ޓީމުންނެވެ. ދެވަނަ ހާފުގައި، މެޗުގެ 31 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އަމީމް އިބްރާޙީމެވެ.
މެޗުގައި އޭދަފުށިން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް، ނުރައްކާތެރި ހަމަލާތަކެއް ވެސް އުފައްދާފައެވެ. މި ހަމަލާތައް ގޯލަށް ވަނުމަށް ހުރަހަކަށްވީ، މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި މާޅޮހުގެ ކީޕަރު މުޙައްމަދު އާތިފް އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޅޮހަށް ދެ ލަނޑު ޖަހައިދިން ނަބީލެވެ.
މި މެޗުން މޮޅުވި ނަމަ އޭދަފުއްޓަށް މުބާރާތުގެ އަތޮޅު ބުރުގެ ސެމީގެ ޖާގައެއް ކަށަވަރުވީހެވެ. މި މެޗުން މާޅޮސް މޮޅުވުމާއެކު، މި ގުރޫޕުގައި މާޅޮހަށް ވެސް އަދި އޭދަފުއްޓަށް ވެސް މިވަނީ ތިން ޕޮއިންޓު ލިބިފައެވެ. ދެން މި ގުރޫޕުގައި ހިމެނޭ ގޮއިދޫއަށް އަދި ޕޮއިންޓެއް ނުލިބެއެވެ. މިއީ އޭދަފުށީގެ ދެވަނަ މެޗެވެ. ގޮއިދޫ އަތުން ފުރަތަމަ މެޗުގައި އޭދަފުށި ވަނީ 1-4 އިން މޮޅުވެފައެވެ.
މި ގުރޫޕުގައި ދެން މެޗެއް ކުޅޭނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދުވަހުގެ މެޗުގައި ބައްދަލުކުރާނީ މާޅޮހާއި ގޮއިދޫއެވެ. ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވާނީ އެ މެޗަށް ފަހުއެވެ.
ބ. އަތޮޅުގެ ގްރޫޕް ބީގައި މިރޭ ތުޅާދޫއިން ދޮންފަނާ ދެކޮޅަށް ނުކުންނާނެއެވެ. އެ މެޗު ކާމިޔާބުކޮށްގެން ނުވަތަ އެއްވަރުކޮށްލައިގެން ވިޔަސް ތުޅާދޫއަށް ސެމީގެ ޖާގައެއް ކަށަވަރުވާނެއެވެ. މޮޅުވެއްޖެނަމަ ސެމީއަށް ދާނީ ގުރޫޕުގެ އެއްވަނައިގެ ގޮތުގައެވެ. އެ ގުރޫޕުގައި ދެން ހިމެނޭ ފެހެންދޫއާ ދެކޮޅަށް ކުޅެ ތުޅާދޫ ވަނީ 2-3 އިން މޮޅުވެފައެވެ.