ޚަބަރު

"މެޗަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބޭ، އެކަމާ ޝަކުވާއެއް ނެތް"


  • މާޒިޔާއިން ސީޒަން ފަށައިގެން ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅުނު

  • އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފިކޭޝަން މެޗު ކުޅޭނީ މި މަހު 11 ގައި

އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފިކޭޝަން ބުރުގައި ތަޖިކިސްތާނުގެ އެފްސީ ރެގާރު ޓަޑާޒްއާ ދެކޮޅަށް ކުޅޭ މެޗަށް މާޒިޔާއިން ނުކުންނައިރު، އެ މެޗަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު މާޒިޔާއަށް ނުލިބޭ ކަމަށާއި، އެކަމަކު، އެކަމާ ޝަކުވާ ކުރަން ބޭނުން ނުވާ ކަމަށް މާޒިޔާގެ ކޯޗު ތޯމަސް ޓުރްޗާ ބުނެފިއެވެ.

އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފިކޭޝަން ބުރުގައި މި މަހުގެ 11 ވަނަ ދުވަހު މާޒިޔާއިން ނުކުންނާނީ ތަޖިކިސްތާނުގެ އެފްސީ ރެގާރު ޓަޑާޒްއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން މާޒިޔާއިން ވަނީ މި ސީޒަނުގައި ތިން މެޗެއް ކުޅެފައެވެ. އެއީ ސީޒަން ހުޅުވަން ކުޅުނު، ޗެރިޓީ ޝީލްޑް މެޗާއި، ކަޕް ވިނާސް ކަޕުގައި ކުޅުނު ދެ މެޗެވެ. މި ތިން މެޗުވެސް މާޒިޔާއިން ވަނީ ކާމިޔާބުކޮށްފައެވެ.

މާޒިޔާއިން ވަނީ މި ސީޒަނުގެ ޗެރިޓީ ޝީލްޑުގައި ނިއުރޭޑިއަންޓްގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދައިފައެވެ. އަދި ކަޕް ވިނާސް ކަޕުގައި އެ ޓީމުން އޮތީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްގެންނެވެ.

"ޕީއެސްއެމް ނިއުސް" އަށް ދިން އިންޓަވިއުގައި ޓުރްޗާ ބުނީ، މާޒިޔާއަށް ކައިރި ކަައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހުނު ކަމަށެވެ. އަދި ކުޅުންތެރިންގެ ފިޓްނަސް ހުރީ އެންމެ ބޭނުންވާ ވަރުގައި ނޫން ކަމަށާއި، ހަގީގަތުގައި ކުރިއަށް އޮތް މެޗަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ވެސް ނުލިބޭ ކަމަށެވެ.

"އަހަރެންގެ ޓީމުން މަސައްކަތް އެބަކުރޭ. އެކަމަކު އަދިވެސް ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި، ފިޓްނަސް ކަންތައް ވެސް. އަހަރެމެން އަދި ވެސް ރަނގަޅުކުރަން ބައިވަރު ކަންކަން އެބަހުރި، އެކަންކަމަށް ކުޅުންތެރިން އެބަ މަސައްކަތްކުރޭ." ޓުރްޗާ ފާހަގަކުރިއެވެ.

މާޒިޔާއިން ވަނީ މި ސީޒަނަށް އެ ޓީމުގެ ސްކޮޑުގައި ބިދޭސީ ހަތަރު ކުޅުންތެރިން ހިމަނައިފައެވެ. އޭގެ ތެރެއިން ތިން ކުޅުންތެރިން ކަޕް ވިނާސް ކަޕުގައި ކުޅުނެވެ.

ޓުރްޗާ ބުނީ ރެގާރުގެ ކުޅުން އެނައިލައިސް ކުރަމުން އަންނަ ކަމަށާއި، އެ ޓީމުގެ ކޮޅަށް މާޒިޔާއިން ނެގެން އޮތް އެޑުވާންޓޭޖްތަކަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށެވެ. އެކަމަކު މި ވަގުތު ބޮޑަށް ފޯކަސް ހުރީ މާޒިޔާއިން ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅުކުރަން ކަމަށް ޓުރްޗާ ބުންޏެވެ.

މާޒިޔާއިން މި ފަހަރުގެ ސީޒަނަށް ކުރިމަތިލަނީ ޒުވާން ސްކޮޑަކާއެކުގައެވެ. އެގޮތުން އެ ޓީމުގެ އެވަރެޖް ސްކޮޑަކީ 25 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.