ޚަބަރު

ގެއްލުނު މީހުން ހޯދަން 7400 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައިފި


  • ގެއްލިގެން ހޯދަނީ ފުލުހަކާއި، ސިފައިންގެ މީހެއްގެ އިތުރުން ދޯނީގެ ކެޕްޓަން

  • ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެމަގުން ދަނީ ކުރަމުން

  • މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހުން އަދި ފެނިފައެއްނުވޭ

ފްރެންޑް 4 ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ވަޔާއި ކަނޑުމަގުން މިހާތަނަށް 7400 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަޙައްދެއް ބަލާފައިވާކަމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

ފްރެންޑް 4 ދޯނި ދިޔަވެ، އަޑިއަށްގޮސްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި ހާދިސާގައި ދޯނީގައި ތިބި މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި 3 މީހަކު ވަނީ ގެއްލިފައެވެ.

މި ހާދިސާގައި ގެއްލިފައިވަނީ، އުމުރުން 33 އަހަރުގެ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ އުމުރުން 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ އިތުރުން ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، އެ 3 މީހުން ހޯދުމުގެ އޮޕަރޭޝަނުގައި މިހާތަނަށް ވައިގެމަގުން 6112 އަކަ ނޯޓިކަލް މޭލު، އަދި ކަނޑުމަގުން 1370.10 އަކަ ނޯޓިކަލްމޭލުގެ ސަރަޙައްދެއް ބަލާފައިވާކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައިނުވާކަމަށް ވިދާޅުވިއެވެ.


ފުލުހުން ވިދާޅުވީ، 8 މީހުންނާއެކު ހުވަދުއަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ބުދަދުވަހުގެ ރޭ 22:40 އެހައިކަންހާއިރުކަމަށެވެ.

"ފްރެންޑް 4" ނަމަކަށް ކިޔާ މި ދޯންޏަކީ ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދިޔަ ސަޕްލައި ދޯންޏެކެވެ.

މިދޯނި ފެތި އަޑިއަށްދިޔަ ހާދިސާ ހިނގިއިރު ދޯނީގައި ތިބި 8 މީހުން ތިބިއިރު އޭގެތެރެއިން 7 މީހުން ވަނީ ސަލާމަތްކޮށްފައެވެ.