ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ރިސޯޓްތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %73.1 ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ ޖުމްލަ 922،974 ފަތުރުވެރިންނެވެ.
ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންނަށް ބަލާއިރު އެންމެ ގިނައީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. އެ ޤައުމުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 99،886 ފަތުރުވެރިން އައިއިރު މީގެތެރެއިން %87.3 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.
2ވަނަ އަށް އެންމެ ގިނައިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ ސްވިޒަލޭންޑްގެ ފަތުރުވެރިންނެވެ. އެ ޤައުމުން 24،380 ފަތުރުވެރިން ރާއްޖެ އައިއިރު އޭގެތެރެއިން %86.3 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.
3ވަނަ އަށް އެންމެ ގިނައިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ. ރަޝިއާއިން 184،927 ފަތުރުވެރިން ރާއްޖެ އައިއިރު މީގެތެރެއިން %81.5 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.
ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 184 ރިސޯޓެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 45،865 އަށް އަރާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ އެނދުގެ %66 އެވެ.