ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނުގެ 4ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާތައް ފަށައިފިއެވެ. މި ބެޗަށް ކުދިން ހޮވުމުގެ މަރުހަލާ ނުވަތަ ސެލެކްޝަން ޕްރޮސެސް ކުރިއަށްގެންދާނީ މިއަދުން ފެށިގެން މިމަހުގެ 18ވަަނަ ދުވަހާ ހަމައަށެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނެންޓް ކާނަލް އިބްރާހިމް ހަލީމް ވިދާޅުވީ، ވަޠަނީ ޚިދުމަތުގެ 4ވަނަ ބެޗުގެ ސެލެކްޝަން ޕްރޮސެސްގައި ފުރުޞަތު ދީފައިވާނީ 3ވަނަ ބެޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ޖާގަ ނުލިބުނު ކުދިންނަށް ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މި ކުރިއަށްގެންދަނީ ވަޠަނީ ޚިދުމަތުގެ 4ވަނަ ބެޗުގެ ރިކްރޫމެންޓް އެންޑް ސެލެކްޝަން ޕްރޮސެސް. މި ޕްރޮސެސް ވަރަށް ފުޅާކޮށް ކުރިއަށްގެންދަން އެބަ މާލެ އަދި އަތޮޅުތެރޭގަވެސް. އެގޮތުން މި ޕްރޮސެސްގައި އެޕްޓިޓިއުޓް ޓެސްޓު، އިންޓަވިއު، ފިޒިކަލް ޓެސްޓު، ސްވިމިންގ ޓެސްޓު އަދި ހެލްތް ސްކީރިން އެބަ ކުރިއަށްގެންދަން." ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ، ސެލެކްޝަން ޕްރޮސެސް މާލެ ހިމެނޭހެން 13 ސަރަޙައްދެއްގައި ކުރިއަށްދާ ކަމަށާއި، އެމްއެންޑީއެފްގެ 6 ޓީމަކުން މިވަގުތުވެސް އެ ސަރަޙައްދުތަކުގައި ހަަރަކާތްތެރިވަމުންދާ ކަމަަށެވެ. މި ޕްރޮސެސް މިހާ ފުރިހަމަކަމާއެކު ކުރިއަށްގެންދެވެނީ ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލުތަކުން ލިބޭ އެއްބާރުލުމުގެ ސަބަބުންކަން ފާހަގަކުރައްވާ، ހަލީމް ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ އިސްލާމްދީނަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ޒަރީއާއިން ދަސްކޮށްދޭ ކަންކަމުގެ ތެރޭގައި، އަޚުލާޤާއި ސުލޫކު އަށަގެންނެވުމުގެ ހަރަކާތްތަކާއި، ފަސްޓް އެއިޑާއި، ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ސްކަރީ ތަމްރީނުގެ ޙަރަކާތް ތަޢާރަފުކޮށްދިނުންވެސް މި ތަމްރީނުގައި ހިމެނިފައިވެއެވެ.
މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް، ސެޓްފިކެޓް 3އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަރޝިޕް ސެޓިފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓާއި، ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ދޭނެއެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ 2 ބެޗުގެ އަސާސީ ތަމްރީނުތައް މިހާރު ވަނީ ނިންމާލާފައެވެ. އަދި މިވަގުތުވެސް 3ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްގެންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 3ވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން ޖުމުލަ 352 ކެޑޭޓުން ބައިވެރިވެއެވެ. އޭގެތެރޭގައި ހިމެނެނީ، 288 ފިރިހެން ކެޑޭޓުން އަދި 64 އަންހެން ކެޑޭޓުންނެވެ.