ޚަބަރު

ވިޔަފާރި ބަނދަރުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރަނީ


ވިޔަފާރި ބަނދަރުތަކުގެ ސަލާމަތީ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމާއި ގުޅޭގޮތުން ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ އިސްވެރިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އިއްޔެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ޕޯޓްތަކުގެ ސަލާމަތީ ކަންކަން މިހާރަށް ހަރުދަނާކުރުމަށް ކުރެވިދާނެކަންކަމާއި މަސްތުވާތަކެއްޗާއި މަނާކުރެވިފައިވާ އެހެނިހެން ތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމަށްޓަކައި މަސައްކަތްތަކެއް ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން ފުލުހުންނާއި އެމްޕީއެލް ގުޅިގެން ކުށްމަދު މުޖުތަމަޢުއެއް ޤާއިމްކުރުމަށް މަސައްކަތްކުރުމާއި ޕޯޓްތަކުގައި ފުލުހުންގެ ޚިދުމަތްތައް މިހާރަށްވުރެ ބޮޑަށް ފުޅާކުރުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަމްދޫން ރަޝީދު އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގައި ހިމެނޭ ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ޖުނައިދު އަދި އެމްޕީއެލްގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.