މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކޮށް ސާވިސް ކުރެވޭނެ ފަދަ ޑްރައި ޑޮކިންގ ފެސިލިޓީއެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.
މި މަޝްރޫއަކީ ކުންފުނީގެ އާމްދަނީ އިތުރުކޮށް، ބޭރު ފައިސާއިން ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީ ވިދާޅުވީ، މަހާޖައްރާފު ފަދަ ބޮޑެތި އުޅަނދުތައް މަރާމާތުކޮށް ސާވިސް ކުރެވޭނެ ފަދަ ޑްރައި ޑޮކިންގ ފެސިލިޓީއެއް ހެދުމަށް ސަރުކާރުން މިހާރު ހުއްދަ ދެއްވާފައިވާ ކަމަށެވެ. މި މަސައްކަތަށް ބޭނުންވާ ބިން ނުވަތަ ޖާގަ މި މަހުގެ ތެރޭގައި ހަމަޖެހޭނެކަމުގެ ޔަޤީންކަން އޮތް ކަމަށާއި، ބިން ލިބުމާއެކު އަމަލީ މަސައްކަތް ފަށާނެ ކަމަށް ސައުދީ ވިދާޅުވިއެވެ.
"ސަރުކާރުން އަޅުގަނޑުމެންނަށް މިހާރު ހުއްދަ ދެއްވާފަ އެއޮތީ. މިސާލަކަށް އަޅުގަނޑުމެން މި ބޭނުންކުރާ މަހާޖައްރާފުތައް. އެއީ އިންޓާނޭޝަނަލީ ރެޖިސްޓާކޮށްފަ ކްލާސްކޮށްފަ ހުންނަ އެއްޗިސްކަމަށް ވާތީ ވަކި ޕީރިއަޑްތަކެއްގައި އަޅުގަނޑުމެން ޖެހޭ ސާވިސްކުރަން މިގެންދަންޖެހެނީ ރާއްޖެއިން ބޭރުގެ އެކިއެކި ޑޮކިންގ ފެސިލިޓީތަކަށް ސާވިސްކުރަން. އެހެންމަ މިކަމަށް ވަރަށް ބޮޑު ޚަރަދުތަކެއް ބޭރުފައިސާއިން އެބަ ކުރަންޖެހޭ." ސައުދީ ވިދާޅުވިއެވެ.
މި ފެސިލިޓީ ޤާއިމުކުރާނީ އެމްޓީސީސީއާއި ސަރުކާރާ ގުޅިގެން އެކުލަވާލެވޭ ޕްލޭނެއްގެ ދަށުންކަން ފާހަގަކުރައްވާ ސައުދީ ވިދާޅުވީ، މި ޕްލޭންގެ ދަށުން ޓްރާންޝިޕްމެންޓް ޕޯޓަކާއި، ބަންކަރިންގ ފެސިލިޓީއެއްވެސް ޤާއިމްކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އިތުރު ޚިދުމަތްތަކާއެކު މި ފެސިލިޓީ ޤާއިމްކުރުމުން ފޯރުކޮށްދެވޭ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސައުދީ ވިދާޅުވިއެވެ.
އެމްޓީސީސީގެ އެމްޑީ ސައުދީ ވިދާޅުވީ، މިހާރުވެސް ތިލަފުށީގައި އެމްޓީސީސީން އުޅަނދުފަހަރު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އެތަނުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ބޮޑެތި އިންވެސްޓްމެންޓްތަކަށް ހުރަސްތަކެއް ހުރި ކަމަށެވެ. އައު ފެސިލިޓީއާއެކު ކުންފުނީގެ އާމްދަނީ ޑައިވާސިފައިވެ، އިތުރު ވިޔަފާރީގެ ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށްވެސް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީ ވިދާޅުވިއެވެ.