ޚަބަރު

ގެއްލުނު މީހުން ހޯދަން 9400 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައިފި


  • ގެއްލިގެން ހޯދަނީ ފުލުހަކާއި ސިފައިންގެ މީހަކާއި ދޯނީގެ ކެޕްޓަން

  • މިހާތަނަށް ކުރި މަސައްކަތުން ގެއްލުނު މީހުން ފެނިފައެއް ނުވޭ

ފްރެންޑް 4 ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށް ވަޔާއި ކަނޑުމަގުން މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަޙައްދެއް ބަލާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

ފްރެންޑް 4 ދޯނި ދިޔަވެ އަޑިއަށްދިޔަ ހާދިސާގައި ގެއްލިފައިވަނީ، އުމުރުން 33 އަހަރުގެ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު އަދި އެމްއެންޑީއެފްގެ އުމުރުން 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ އިތުރުން ދޯނީގެ ކެޕްޓަން ތ.މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯޯސްޓެއްގައި އެމްއެންޑީއެފްއިން ވިދާޅުވީ، އެ 3 މީހުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި ވައިގެ މަގުން 7،512 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1970.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި މިހާތަނަށް ކުރި މަސައްކަތުން ގެއްލުނު މީހުން ފެނިފައިނުވާކަމަށް ވިދާޅުވިއެވެ.

ފްރެންޑް 4 ދޯނި އަޑިއަށް ދިޔަ ހާދިސާ ހިނގީ، ތ.އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށްނެވެ. ދޯނި އަޑިއަށްދިޔަ ހާދިސާ ހިނގިއިރު، ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހުން ސަލާމަތްކޮށްފައިވެއެވެ.