ޕީޕީއެމްގެ ހިންގުމާއި ބެހޭ އެންމެހާތަކެތި އެޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާ ހަވާލުކޮށްދެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަށް އަންގަވައިފިއެވެ.
ރައީސް މައުމޫނަށް އެގޮތަށް އަންގަވާފައިވަނީ ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް ނިލަންދޫ ދާއިރާގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލް ސޮއިކުރައްވާ އިއްޔެ ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި ވަނީ ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ހަވާލުކުރެއްވުމަށް ސިވިލްކޯޓުން ނިންމެވި ނިންމެވުމަށް ހައިކޯޓުން ތާއީދުކުރައްވާފައިވާކަމަށާ، ސިވިލްކޯޓްގެ ހުކުމަށް ރިއާޔަތްކުރައްވާ ޕާޓީގެ ހިންގެވުމާއި އެކިއެކި މަޤާމުތަކުގައި ޕާޓީ ތަމްސީލުކުރެއްވުމާއި ޕާޓީގެ ކައުންސިލުގެ ރިޔާސަތު ބެލެއްހެއްޓެވުމާއި ޕާޓީގެ މަގްސަދު ހާސިލްކުރެއްވުމާއި ޕާޓީ ހިންގެވުމަށް ބޭނުންވާ އެންމެހާ ކަންކަން ކުރެއްވުމުގެ ޒިންމާއާއި މަސްއޫލިއްޔަތުތަކާއި އިޚްތިޔާރު ޕާޓީގެ މުސްތަޝާރާ ހަވާލުކުރެއްވުމަށް ޕާޓީގެ ކައުންސިލުން ނިންމަވާފައިވާކަމަށެވެ. މިގޮތަށް ނިންމަވާފައިވަނީ މިމަހުގެ ސޯޅަވަނަދުވަހުގެ ރޭ ބޭއްވި ކައުންސިލުގެ ކުއްލި ބައްދަލުވުމުން ފާސްކުރެއްވި ޤަރާރަކުންކަމަށްވެސް އެ ސީޓީގައިވެއެވެ.
އެހެންކަމުން ޕީޕީއެމްގެ ހަރުމުދަލާއި މެމްބަރުންގެ ޑޭޓާބޭސްއާއި ލިޔެކިޔުންތަކާއި އަދި މިނޫންވެސް ޕީޕީއެމްގެ ހިންގުމާއި ގުޅޭ އެންމެހާ ތަކެތި ޕާޓީގެ މުސްތަޝާރާ ހަވާލުކޮށްދެއްވުމަށް އެދޭކަމަށްވެސް ޕާޓީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަށް ޑރ.އަބްދުﷲ ޚަލީލް ފޮނުއްވި ސީޓީގައިވެއެވެ.
ޕީޕީއެމްގެ ހިންގެވުން އެޕާޓީގެ މުސްތަޝާރު ރާއިސް ޔާމީނާ ހަވާލުކުރެއްވުމަށް ސިވިލްކޯޓުން ކުރެއްވި ހުކުމަށް ހައިކޯޓުން ތާއީދުކުރެއްވުމުން ރައީސް މައުމޫންގެ ފަރާތްޕުޅުން އެ މައްސަލަ ވަނީ ސުޕްރީމްކޯޓަށް ހުށައަޅުއްވާފައެވެ. ޕީޕީއެމްގެ ހިންގެވުން މުސްތަޝާރާއި ހަވާލުކުރެއްވުމަކީ އެ ޕާޓީގެ އާއްމު މެމްބަރުންގެ ހައްގުތައް ގެއްލޭކަމެއްކަމަށް ވިދާޅުވެ އެ މައްސަލަ ހައްލުކޮށްދެއްވުމަށް ރައީސް މައުމޫން ވަނީ އިލެކްޝަންސް ކޮމިޝަނަށްވެސް ހުށައަޅުއްވާފައެވެ. އަދި ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވާނީ ޕާޓީގެ އިންތިޚާބީ ރައީސް އެކަހެރިކުރައްވާ ޕާޓީގެ ބާރުތައް އަތުލެއްވުމަށް ކަމަށް ވިދާޅުވެ އެކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ދައުލަތުގެ ބަންޑާރަ ނައިބުގެ އަރިހުންވެސް ރައީސް މައުމޫން އެދިވަޑައިގެންފައިވެއެވެ.