ވިކްޓްރީ ސްޕޯޓްސް ކްލަބް އަންނަ ސީޒަނަށް ނުކުންނައިރު، ޓީމުގެ ސްކޮޑަށް ބޮޑު ބަދަލެއް ގެނަސް ޓީމު ވަރުގަދަކޮށްފައި ވަނީ ވިކްޓްރީ އަސްލު މަގާމަށް ގެންދިޔުމުގެ ބޭނުމުގައި ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
މާލީ ހާލަތުގެ އަޑިގަނޑުން އަރައިގަނެ ވިކްޓްރީ ސްޕޯޓްސް ކްލަބުން މިދިޔަ ސީޒަނުގައި ޖުމްލަކޮށް ފެނިގެންދިޔައީ ރަނގަޅު ކުޅުމެކެވެ. އެކަމަކު މި ސީޒަނަށް އެ ޓީމުން ވަނީ ކުރީގެ ސްކޮޑަށް ބޮޑު ބަދަލެއް ގެނަސް ސްކޮޑް ވަރުގަދަކޮށްފައެވެ. އެގޮތުން އެ ޓީމަށް މި ސީޒަނުގައި ގުޅުނު މުހިންމު ކުޅުންތެރިންގެ ތެރޭގައި އިތުބާރު ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، ފުލްބެކް، ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ޒުވާން ފޯވާޑް ހަސަން ނަޒީމް ގާސިމް (ޗޯޓު)ގެ އިތުރުން ނާއިޒް ހަސަން (ދާދު) ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ވެސް އެ ޓީމަށް ވަނީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާހުރި ކުޅުންތެރިންގެ ސޮއި ހޯދައިފައެވެ.
"ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ކޯޗު ޝިޔާޒް ފާހަގަކުރީ ވިކްޓްރީއިން މިހާ ބޮޑު ބަދަލަކާއެކީ އަންނަ ސީޒަނަށް ނުކުންނަ ސަބަބެވެ.
ޝިޔާޒް ބުނީ ވިކްޓްރީއަށް ކާމިޔާބީއެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އެކަން ބަދަލުކުރަން ސްކޮޑަށް ބޮޑު ބަދަލެއް ގެނަސް ސްކޮޑް ވަރުގަދަކޮށްފައިވަނީ ވިކްޓްރީގެ އަސްލު މަގާމަށް ޓީމު ގެންދިޔުމުގެ ބޭނުމުގައި ކަމަށާއި، އެހެންވެ ވިކްޓްރީ އިން ނުކުންނާނީ އެ އަމާޒަށް ވާސިލްވުމަށް ކަމަށް ޝިޔާޒް ބުންޏެވެ.
"މިވަރުގެ ރަނގަޅު ޓީމެއް ތައްޔާރުކުރުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ ވެސް ވިކްޓްރީއަށް މިހާ ގިނަ ދުވަސް ކާމިޔާބީއެއް ނުލިބި ގޮއްސަ އޮތީމަ، ވިކްޓްރީ، ވިކްޓްރީގެ މަގާމަށް ދިޔުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމަށް ހަގީގަތުގައި ކާމިޔާބު ހޯދަން ވަރުގަދަ ޓީމެއް ބިނާކުރަން" ޝިޔާޒް ފާހަގަކުރިއެވެ.
މިވަރުގެ ސްކޮޑަކާއެކު ވިކްޓްރީއިން އަންނަ ސީޒަނުގެ ލީގަށް ނުކުންނައިރު، މިއީ ކޯޗެއްގެ ގޮތުގައި ވެސް ޗެލެންޖެއްކަން މޯހަން ފާހަގަކުރިއެވެ. އެގޮތުން ތަށި ނޫން ޗޮއިސް އެއް ނެތް ކަމަށް މޯހަން ފާހަގަކުރިއެވެ.
މޯހަން ބުނީ މިވަރުގެ ސްކޮޑަކާއެކު ވިކްޓްރީއިން ކޮންމެ މުބާރާތަކަށް ވެސް ނުކުންނާނީ ކާމިޔާބީ ހޯދުމަށް ކަމަށާއި، މިވަގުތު އޮތް ސްކޮޑަށް ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް މޯހަން ބުންޏެވެ.
މޯހަން ބުނީ މި އަހަރުގެ ސީޒަނަށް ވިކްޓްރީއިން ނުކުންނާނީ ހަމައެކަނި ތަޖުރިބާކާރު ކުޅުންތެރިންނެއް ނޫން ކަމަށާއި، ވިކްޓްރީގެ އެކަޑަމީގެ ޒުވާން 12 ކުޅުންތެރިންވެސް ސްކޮޑުގައި ހިމެނޭކަން މޯހަން ފާހަގަކުރިއެވެ.