ފުލުހުންގެ ޚިދުމަތުގެ އިތުބާރާ ގުޅޭ ކޮންމެ ހާދިސާއެއްގައި ރައްޔިތުންގެ ޒާތީ މައުލޫމާތު ހިއްސާކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި، ނަމަވެސް ނާޒުކު ހާލަތްތަކުގައި ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދިނުމަށް ކުޑަ މިންވަރަކަށް މައުލޫމާތު ހާމަކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މެންބަރު މީކާއީލް ވަނީ، މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ދަނާލެއްގައި ނިޔާވި ކުއްޖާއާއި ފުލުހުންގެ ވިކްޓިމް ސަޕޯޓާ ދެމެދު ދެކެވުނު ވާހަކަތަކާއި ބަދަލުކުރެވުނު މައުލޫމާތުތައް ހާމަކުރުމުގެ އިހްތިޔާރު ސަރުކާރުގެ އިސްވެރިންނަށް ލިބިވަޑައިގަންނަވަނީ ކޮން އުސޫލަކުންތޯ ސުވާލު ކުރައްވާފައެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު އިހުސާން ވިދާޅުވީ، ކޮންމެ ރައްޔިތެއްގެ ޒާތީ މައުލޫމާތަކީވެސް ގާނޫނުން ރައްކާތެރިކޮށްދީފައިވާ މައުލޫމާތެއް ކަމަށާއި، ވަކިން ހާއްސަކޮށް ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއެކު ކުރާ މުއާމަލާތްތައް މާ ބޮޑަށްވެސް ރައްކާތެރިކުރަންޖެހޭ ކަމަށެވެ. ނަމަވެސް، އެ ދުވަހު އެ މައުލޫމާތު ހާމަކުރަން ޖެހުނު މަގުސަދު ދެނެގަތުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެ ހާދިސާއަށްފަހު މީސްމީޑިއާގައާއި ރައްޔިތުންގެ ތެރޭގައި ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ވަރަށް ބޮޑަށް ފެތުރިގެންދިޔައެވެ. ވަޒީރު ވިދާޅުވީ، ފެތުރުނު ދޮގު މައުލޫމާތުތަކުގެ ސަބަބުން، ނާޒުކު ހާލަތެއްގައި ހުރި ކުއްޖަކު ފުލުހުންގެ އެހީތެރިކަމަށް އެދުމުން ފުލުހުން އެކަމަށް އަޅާނުލައި ދޫކޮށްލީ ކަމަށް ބުނެ ބޮޑެތި އިލްޒާމުތަކެއް އެޅުވިގެންދިޔަ ކަމަށެވެ. އަދި މިއީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލުމަށް ހިންގި އިންތިޒާމުވެފައިވާ ހަރަކާތެއް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން، ގާނޫނުއަސާސީގެ ދަށުންނާއި ދިވެހިރާއްޖޭގެ ފުލުހުންގެ ގާނޫނުގެ ދަށުން، މުއައްސަސާގެ އިތުބާރު ހިފެހެއްޓުމުގެ މަސްއޫލިއްޔަތު އެޅިފައިވާތީ، އެ ހާދިސާގެ ޓައިމްލައިން ސާފުކޮށްދިނުމަށްޓަކައި ބައެއް މައުލޫމާތު ހިއްސާކުރުން މުހިންމުވީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެހެންނަމަވެސް މި ދެންނެވި ދުވަހު އަޅުގަނޑުމެންނަށް މަޖުބޫރުވި ފުލުހުންގެ ޚިދުމަތުގެ އެ ސާވިސް، ކޮންމެކަމެއް ނޫން، ދިވެހި ފުލުހުންގެ އިތުބާރާއި ގުޅޭ ކޮންމެ ކަމެއްގައި މައުލޫމާތެއް ހާމައެއްނުކުރާނެ. އެހެންނަމަވެސް މިފަދަ ނާޒުކު ހާލަތްތަކުގައި ދިވެހި ރައްޔިތުން ކޮންމެހެން ޚިދުމަތަށް އެދޭކަމަކަށްވާތީ އަޅުގަނޑުމެންނަށް މަޖުބޫރު އެ ޚިދުމަތުގެ އަގު ހިފަހައްޓަން. އެހެންނަމަވެސް ކުރިއަށްއޮތްތާގައި މިފަދަ ހާލާތްތަކުގައި ރައްޔިތުންގެ މައުލޫމާތު މިގޮތަށް ހާމަކުރަންޖެހޭ މިންގަޑަށް ހާމަކުރާއިރުވެސް ވަރަށް ކޯޝަން އިސްކުރާނަން." ވަޒީރު ވިދާޅުވިއެވެ.
ބޭރު ގައުމުތަކުގައި މިފަދަ ހާލަތްތަކުގައި މައުލޫމާތު ހާމަކުރެވޭނެ މިންވަރު ގާނޫނުން ކަނޑައަޅާފައި އޮންނަކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ރާއްޖޭގައިވެސް މިފަދަ ޑޭޓާ ޕްރައިވަސީ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތްތައް ކޮށް، އެ ގާނޫނު ވުޖޫދުވުމުން މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ނާޒުކު ހާލަތްތަކުގައި ރައްޔިތުންގެ މައުލޫމާތު ހާމަކުރަން ޖެހިއްޖެ ނަމަ، ވަރަށް ބޮޑަށް ސަމާލުކަންދީގެން، ހަމައެކަނި ހާމަކުރަން މަޖުބޫރުވާ މިންވަރަށް ވަރަށް ލިމިޓެޑްކޮށް މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.