ޚަބަރު

ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް، ގޭންގު ކުށްތައް ހުއްޓުމަކަށް


  • ފުލުހުންގެ ތެރޭގައި ގޭންގު ކްރައިމް ޔުނިޓެއް އުފައްދާފައިވޭ

  • ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާކަން ވަޒީރު ފާހަގަކުރެއްވި

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ކުރެވުނު މަސައްކަތްތަކުގެ ސަބަބުން، ގޭންގު ކުށްތައް މަދުކުރެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދޭތެރޭ ކޮވިޑް-19 ގެ ދުވަސްވަރު ފިޔަވައި ކޮންމެ އަހަރަކުވެސް ގޭންގު މާރާމާރީތަކުގައި ދިވެއްސެއްގެ ފުރާނަ ގޮސްފައިވާ ކަމަށެވެ.

"ބައެއް އަހަަރުގައި އެވްރެޖްކޮށް 5 މީހުންގެ ފުރާނަވެސް އެބަވޭ ގޮސްފައި. އެހެންނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ކުރެވުނު މަސައްކަތުގެ އަލީގައި އަދި މިހާތަނަށް ދިވެހި ރައްޔިތެއްގެ ފުރާނަ ގޭންގު ކުއްތަކުގެ ތެރެއިން ގެއްލުފައެއް ނުވޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ފުލުހުންގެ ތެރޭގައި ގޭންގު ކްރައިމް ޔުނިޓެއް އުފައްދައި، ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައާއި، ޚާއްސަކޮށް ގޭންގުތައް ހަރަކާތްތެރިވާ ސަރަޙައްދުތަކުގައި ފުލުހުންގެ ޔުނިޓުތަކުން ހަރަކާތްތެރިވަމުންދާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖޭގައި ގޭންގު މާރާމާރީތައް ހުއްޓިފައިވާ ކަމަށް ވިދާޅުވިއެވެ.

"މީގެ ކުރިން މިފަދަ ކަންކަމުގައި އުޅުނު ކުދިން މިހާރު ވަޒީފާތަކަށް ގޮސް، ރަނގަޅު މަގު އިހްތިޔާރު ކުރަމުންދާކަން ތަފާސްހިސާބުތަކުން ދައްކާ. އަޅުގަނޑުމެންގެ ސިޔާސަތަކީ އެ މަގު ދެއްކުން. އެއްވެސް ހާލެއްގައި ކުށުގެ ވެށިން އެކުދިން ހައްޔަރުކޮށް ޖަލަށްލާ ބޭތިއްބުމެއް ނޫން. ކުދިން ރިހެބިލިޓޭޓްކޮށް ރަނގަޅު ޒުވާނުންގެ ގޮތުގައި އެކުދިން މުޖުތަމައަށް ނެރުން،" ވަޒީރު ވިދާޅުވިއެވެ.

ގޭންގުކުއްތަކާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެކަމުން ސަލާމަތްކޮށް، އަލުން މުޖުތަމައަށް ނެރުމަށްޓަކައި ރިހެބިލިޓޭޝަންގެ ނިޒާމު ފުޅާކުރުމަށް މަސައްކަތްތަކެއް ފައްޓަވާފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަރުވާދޭ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.