ޚަބަރު

ޤައުމީ އެއާލައިނުން ޓްވިން އޮޓަރގެ 2 ބޯޓު ގަންނަނީ


  • އެއްބަސްވުން ޤާއިމްކޮށްފައިވަނީ ކެނެޑާގެ ޑި ހެވިލަންޑް ކުންފުންޏާއެކު

  • މި ބޯޓުތަކަކީ ރާއްޖޭގެ މާހައުލާއި ގުޅޭގޮތައް ފަރުމާކޮށްފައިވާ ބޯޓުތަކެއް

ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ޑީ.އެޗް.ސީ-6 ޓްވިން އޮޓަރ ކްލަސިކް 300-ޖީ މަރުކާގެ 2 ބޯޓު ގަތުމަށް ކެނެޑާގެ ޑި ހެވިލަންޑް ކުންފުންޏާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ދުނިޔޭގައި އެންމެ ގިނައިން ޓްވިން އޮޓަރ ބޯޓުތައް އޮޕަރޭޓްކުރާ ރާއްޖޭގެ މާކެޓަށް މި މަރުކާގެ ބޯޓުތައް ގެނައުމަށް އެއްބަސްވި ފުރަތަމަ ފަހަރެވެ.

މި އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ. އަދި ޑި ހެވިލަންޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އޭޝިއާ ޕެސިފިކް އަދި މިޑުލްއީސްޓް ސަރަހައްދުގެ ވައިސް ޕްރެޒިޑެންޓް ސޭލްސް ޔޮގޭޝް ގާރގްއެވެ.

ޓްވިން އޮޓަރ ބޯޓުތަކަކީ ފާއިތުވި ދިހަވަރަކަށް އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މައިބަދަ ކަމުގައި ވެފައިވާ އުޅަނދުތަކެކެވެ. މި ބޯޓުތަކަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރިސޯޓުތަކަށާއި ރަށްރަށަށް ފަތުރުވެރިން އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ބޯޓުތައްކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑި ހެވިލަންޑް ކުންފުނީގެ އޭޝިއާ ޕެސިފިކް އަދި މިޑުލް އީސްޓް ސަރަހައްދުގެ ވައިސް ޕްރެޒިޑެންޓް ސޭލްސް ޔޮގޭޝް ގާރގް ވިދާޅުވީ، ރާއްޖޭގައި ޓްވިން އޮޓަރ މައުކާގެ ބޯޓުތައް ބޭނުންކޮށްގެން މީހުންގެ ދިރިއުޅުމަށް ބަދަލުތައް ގެންނަމުންދާކަމަށެވެ. މި އެއަރކްރާފްޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ޕައިލެޓުންނާއި އަދި އިންޖީނިއަރުންގެ ޚިޔާލަށް ބެލުމަށްފަހު ރާއްޖެއަށް އެންމެ އެކަށީގެންވާގޮތައްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ކްލަސިކް 300-ޖީ" މަރުކާގެ ބޯޓުތަކާއެކު، މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަންތައް އިތުރަށް ވަރުގަދަވެ، އައު މަންޒިލްތަކަށް ދަތުރުކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ބޯޓުތަކަކީ ރާއްޖޭގެ މާހައުލާއި ގުޅޭގޮތައް ފަރުމާކޮށްފައިވާ، ޒަމާނީ އޭވިއޯނިކްސް ސިސްޓަމްތަކާއި، ބޯޓު މަރާމާތުކޮށް ބެލެހެއްޓުމުގައި ފަސޭހަ ގޮތްތަކެއް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓުތަކެކެވެ. މީގެ އިތުރުން، ބޯޓުގެ ބަރުދަން ލުއިކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ފަސިންޖަރުންނާއި ދަބަސް އުފުލުމުގެ ފުރުޞަތު ލިބި، އޮޕަރޭޝަންތަކުގެ ޚަރަދު ކުޑަވެގެންދާނެކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1,000 އަށްވުރެ ގިނަ ބޯޓު އުފައްދައި، މިލިއަނަކަށްވުރެ ގިނަ ގަޑިއިރު ދަތުރުކޮށްފައިވާ ޓްވިން އޮޓަރ ބޯޓަކީ، އާކްޓިކް ސަރަޙައްދުތަކުން ފެށިގެން ދުނިޔޭގެ ހޫނު ޖަޒީރާ ރަށްތަކާ ހަމައަށް ބޭނުންކުރާ އެންމެ އިތުބާރު ހުރި އުޅަނދެވެ. މި ބޯޓުގެ މުހިންމުކަން އެންމެ ބޮޑަށް ފާހަގަކުރެވެނީ ރާއްޖޭގައެވެ. ރާއްޖޭގައި މިއީ ރައްކާތެރި އަދި އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއްގެ ގޮތުގައި ބަލައިގަނެވިފައިވާ މިންގަނޑެކެވެ.