ޚަބަރު

މޯލްޑިވިއަންއަކީ ޓްވިން އޮޓަރގެ އެންމެ ފަހުގެ ބޯޓު ގެންނަ ފުރަތަމަ ދިވެހި ކުންފުނި


  • ޓްވިން އޮޓަރ ކްލެސިކް 300 ޖީގެ 2 މަތިންދާބޯޓު ގެނައުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި

  • މިއީ 2018ގެ ފަހުން އެ އެއަރލައިންގެ ޓްވިން އޮޓަރ ފްލީޓަށް މަތިންދާބޯޓު އިތުރުކުރެވޭ ފުރަތަމަ ފަހަރު

އެންމެ ފަހުގެ ޖެނެރޭޝަންގެ ޓްވިން އޮޓަރ ކްލެސިކް 300 ޖީގެ މަތިންދާބޯޓު ގެނައުމަށް އޯޑަރކުރި ފުރަތަމަ ދިވެހި އެއަރލައިނަކީ މޯލްޑިވިއަންކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ޓްވިން އޮޓަރ ކްލެސިކް 300 ޖީގެ 2 މަތިންދާބޯޓު ގެނައުމަށް ކެނެޑާގެ ކުންފުންޏަކާއިއެކު އެއްބަސްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ވަނީ ކެނެޑާގެ ޑީ ހެވިލިއަން ކުންފުންޏާއިއެކު 2 ޓްވިން އޮޓަރ ކްލެސިކް 300 ޖީ މަތިންދާބޯޓު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، 2014 ވަނަ އަހަރު އެންމެ ދެބޯޓުން ފެށި މޯލްޑިވިއަން ސީޕްލޭންގެ ޚިދުމަތް މިއަދު ފަތުރުވެރިކަމުގެ ދާއިރާގެ ވަރުގަދަ ބައިވެރިންނާއިއެކު ފެންވަރު ރަނގަޅު ވައިގެ ޚިދުމަތަކަށް ބަދަލުވެފައިވާކަމަށެވެ.

މިއަދު މޯލްޑިވިއަން ސީޕްލޭންގައި 11 ޓްވިން އޮޓަރ މަތިންދާބޯޓު އޮތްކަމަށް އޭނާ ވިދާޅުވިއެވެ. މޯލްޑިވިއަނުން ރިސޯޓްތަކަށާއި ރަށްތަކަށް އިތުބާރު ހުރި އަވަސް ދަތުރުތަކެއް ކެނޑިނޭޅި ކުރަމުންދާކަމަށް އިޔާސް ވިދާޅުވިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން ފުރޮޅުލީ ޓްވިން އޮޓަރ މަތިންދާބޯޓުގައި ޝެޑިއުލް ކޮމާޝަލް ފްލައިޓްގެ ޚިދުމަތް ރާއްޖޭގައި ފެށި ފުރަތަމަ އެއަރލައިންއަކީ ޤައުމީ އެއަރލައިންކަމަށް އެ ކުންފުނީގެ އެމްޑީ ވިދާޅުވިއެވެ. މިއީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލީޓް އިތުރަށް ފުޅާކޮށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުޅިން އަލަށް އުފައްދާފައިވާ އެންމެ ފަހުގެ ޖެނެރޭޝަންގެ 2 ޓްވިން އޮޓަރ ކްލެސިކް 300 ޖީ މަތިންދާބޯޓު އެ ކުންފުނީގެ ފްލީޓަށް އިތުރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދިޔަ ތާރީޙީ ދުވަސްކަމަށް އޭނާ ވިދާޅުވިއެވެ.

"މި މަތިންދާބޯޓަކީ ރާއްޖޭގައި މާހައުލާއި ގުޅޭގޮތައް އުފައްދާފައިވާ މަތިންދާބޯޓެއްކަމުން އަޅުގަނޑުމެންގެ އޮޕަރޭޝަންގައި މި ބޯޓު ބޭނުންކުރުމަށް ކުރިން ގެނެވުނު މިފަދަ ބޯޓުތަކަށް ގެންނަންޖެހޭ ބަދަލުތައް މި ބޯޓަށް ގެންނަން ނުޖެހޭކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން. އަދި ރާއްޖޭގެ އެއަރލައިނަކުން އެންމެ ފަހުގެ ޖެނެރޭޝަންގެ ޓްވިން އޮޓަރ ކްލެސިކް 300 ޖީގެ މަތިންދާބޯޓު ގެނައުމަށް އޯޑަރ ކުރެވޭ މިއީ ފުރަތަމަ ފަހަރު." އިޔާސް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ މެނޭޖިންގ ޑިރެޖްޓަރ ވިދާޅުވީ، މިއީ 2018 ވަނަ އަހަރުގެ ފަހުން އެ އެއަރލައިންގެ ޓްވިން އޮޓަރ ފްލީޓަށް މަތިންދާބޯޓު އިތުރުކުރެވޭ ފުރަތަމަ ފަހަރުކަމަށެވެ. މިކަމަކީ އައިލެންޑް އޭވިއޭޝަންއާއި ކެނެޑާގެ ޑީ ހެވިލިއަން ކުންފުންޏާއި ދެމެދު އޮތް ދިގުދެމިންގެންދާ ގުޅުން ރަމްޒުކޮށްދޭ ދުވަހެއްގެ ގޮތުގައިވެސް މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވަނީ ވިދާޅުވެފައެވެ.