އިރާނަށް ވާގިވެރިވާ ޔަމަނުގެ ހޫޘީން ބާބް އަލްމަންދަބުން ދަތުރުކުރި މުދާ އުފުލާ ކުޑަ ބޯޓަކަށް ދިން ހަމަލާއެއްގައި އެ އުޅަނދުގެ ހަތަރު ފަޅުވެރިން މަރުވެފައިވާ ކަމަށް ޔަމަނުގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ކަނޑުގެ ސިފައިންނާ ގުޅިފައިވާ ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް، ޔޫކޭއެމްޓީއޯއިން ބުނީ މިޞްރުގެ އުޅަނދެއް ކަމަށްވާ ތިހާމާއަށް ގޮތްނޭނގޭ މިސައިލެެއް ހަމަލާއެއް އަމާޒުވެފައިވާ ކަމަށެވެ. އޭރު އެ އުޅަނދު އޮތީ ޔަމަނުގެ ޖަޒީރަތުލް މައްޔުންގެ އުތުރުއިރުމަތީ ސަރަޙައްދެއްގައި އަޅާފައެވެ.
ތިހާމާއަށް ދީފައިވާ ހަމަލާގައި މަރުވި މީހުންނަކީ މި އަހަރުގެ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން އީރާނަށް ހަމަލާދީ ހަނގުރާމަ ފެށިފަހުން ޝިޕިންގ ދާއިރާއަށް އަމާޒުކޮށް ޙޫޘީން ދެމުންދާ ހަމަލާތަކުގައި މަރުވެފައިވާ ފުރަތަމަ މީހުންނެވެ. ނަމަވެސް މި ހަމަލާގެ ޒިންމާ ޙޫޘީން މިހާތަނަށް އުފުލައިފައެއް ނުވެއެވެ.
ޔަަމަނުގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ މިޞްރުގެ އުޅަނދަށް ދިން ހަމަލާގައި ޕާކިސްތާނުގެ ތިން ރައްޔިތުންނާއި އިންޑޮނޭޝިޔާގެ ރައްޔިތަކު މަރުވެފައިވާ ކަމަށެވެ. އުޅަނދަށް ހަމަލާ ދިނުމާއެކު ފަޅުވެރިންނަށް އުޅަނދުގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. ޔަމަނުގެ އަސްކަރީ މަސްދަރުތަކުން ބުނީ ފަޅުވެރިން ސަލާމަތްކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ޑްރޯން ހަމަލާއެއް އަމާޒުވެ ކޯސްޓުގާޑުގެ ތިން އޮފިސަރަކަށް ވެސް ޒަޚަމްވެފައިވާ ކަމަށެވެ.
ބާބް އަލްމަންދަބަށް ދީފައިވާ މި ހަމަލާގެ އިތުރުން ޕާކިސްތާނުގެ ބޭރުގައި އޮތް ކޮންޓެއިނަރު އުފުލާ އުޅަނދަކަށް ވެސް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ. އެއީ އެެމެރިކާއިން ދީފައިވާ ހަމަލާއެއް ކަމަށް ބެލެވެއެވެ. ޕަނަމާގެ ދިދައިގައި ދުއްވަމުންދިޔަ ކޮންޓެއިނަރު އުޅަނދު، ވެލާ ނޯވާއަށް މިސައިލް ހަމަލާއެއް ދީފައި ވަނީ ޕާކިސްތާނުގެ ބޭރުން ގަލްފް އޮފް ޢުމާންއަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް ކަނޑުމަތީގެ ސަލާމަތާ ބެހޭ މަސްދަރުތަކުން ބުނެއެވެ. އޭރު އެ އުޅަނދު އޮތީ ޕާކިސްތާނާ 71 ނޯޓިކަލް މޭލު ދުރުގައެވެ.
ބައެއް ނޫސްތަކުން ބުނީ އެ ހަމަލާ ދީފައި ވަނީ އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރަކުން ކަމަށެވެ. އެ ހެލިކޮޕްޓަރުން އުޅަނދަށް އަމާޒުކޮށް މިސައިލް ހަމަލާއެއްް ދިނީ އީރާނާ ގުޅުންހުރި އުޅަނދުތައް އެ ސަރަޙައްދުން ދަތުރުކުރުމަށް އެމެރިކާއިން ހުރަސްއަޅަމުން ދަނިކޮށް، އެ ސަރަޙައްދުން ދަތުރުކުރުމަށް މަސައްކަތް ކުރުމުން ކަމަށް މަސްދަރުތަކުން ބުނެއެވެ.
އެއީ އެމެރިކާއިން ދީފައިވާ ހަމަލާއެއް ކަން ކަށަވަރުވެެއްޖެ ނަމަ އެ ހަމަލާ ވެގެން ދާނީ މިދިޔަ އޭޕްރިލް މަހު އީރާނާ ގުޅުންހުރި އުޅަނދުތަކަށް އެމެރިކާއިން ހުރަސްއަޅާނެ ކަން އިޢުލާނުކުރި ފަހުން އުޅަނދަކަށް ދީފައިވާ 12ވަނަ ހަމަލާއަށެވެ. އަދި ޖުލައި މަހުގެ 14ވަނަ ދުވަހު އުޅަނދުތަކަށް އަލުން ހުރަސްއަޅަން ފެށި ފަހުން ދޭ 3ވަނަ ހަމަލާއަށެވެ.