ޚަބަރު

އަހަރުން އަހަރަށް ދައުލަތުގެ އާމްދަނީއަށް %9.3 ކުރިއެރުމެއް


  • އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 26.5 ބިލިޔަން ރުފިޔާ ލިބިފައިވޭ

  • ދައުލަތުގެ ޚަރަދުތައް ހުރީ 23.9 ބިލިޔަން ރުފިޔާގައި

އާމްދަނީއާއި ހިލޭ އެހީ މިދިޔަ އަހަރާއި އަޅާބަލާއިރު 9.3 އިންސަތަ އިތުރުވެ 26.5 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އާމްދަނީން އެންމެ ބޮޑު ބައެއް އިތުރުވީ ޓެކްސް އާމްދަނީންނެވެ.

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން ވަނީ މިއަހަރުގެ މިމަހުގެ 6 ވަނަ ދުވަހާއި ހަމައަށް ދައުލަތުގެ ޚަރަދާއި އާމްދަނީގެ ތަފްސީލްތައް ހިމެނޭ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓް ނެރެފައެވެ. މި ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ އާމްދަނީ ވަނީ 26.46 ބިލިޔަން ރުފިޔާއަށް މަތިވެފައެވެ. ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 24.21 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި ވަނީ 9.3 އިންސައްތަ އިތުރުވެފައެވެ.

އާމްދަނީ އިތުރުވީ، ކޯޕަރޭޓް އިންކަމް ޓެކްސް އާއި އާންމު މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) ހިމެނޭހެން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޓެކްސް އާމްދަނީ ވަނީ 18.7 ބިލިޔަން ރުފިޔާއިން 20.5 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 10.1 އިންސައްތައިގެ އިތުރުވުމެކެވެ. ކޯޕަރޭޓް އިންކަމް ޓެކްސްއަކީ މި މުއްދަތުގައި ދައުލަތަށް އާމްދަނީ ލިބުނު މުހިންމު އެއް ވަސީލަތް ކަމަށްވާއިރު، މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އެ ބައިން ވަނީ 2.7 ބިލިޔަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 2.6 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.4 އިންސައްތައިގެ އިތުރުވުމެކެވެ.

މުދަލާއި ޚިދުމަތުން ނަގާ ޓެކްސްގެ ގޮތުގައި ޖުމްލަ 10.5 ބިލިޔަން ރުފިޔާ މިއަހަރު ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 9.9 ބިލިޔަން ރުފިޔާއެވެ. މިއީ 6.4 އިންސައްތައިގެ ކުރިއެރުމެކެވެ. ޓީޖީއެސްޓީން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު 3.1 ބިލިޔަން ރުފިޔާގެ ބަދަލުގައި މިއަހަރު ވަނީ 3.4 ބިލިޔަން ރުފިޔާ ލިބިފައެވެ. ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޓީޖީއެސްޓީ)ގެ ގޮތުގައި 7.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބިފައިވަނީ 6.7 ބިލިޔަން ރުފިޔާއެވެ. މިއީ 4.7 އިންސައްތައިގެ ކުރިއެރުމެކެވެ.

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކުންވެސް މި މުއްދަތުގައި ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީ 1.8 ބިލިޔަން ރުފިޔާއިން 2.0 ބިލިޔަން ރުފިޔާއަށް ނުވަތަ 13.2 އިންސައްތަ އިތުރުވެފައިވާއިރު، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ 4.5 ބިލިޔަން ރުފިޔާއިން 5.3 ބިލިޔަން ރުފިޔާއަށް ނުވަތަ 18.5 އިންސައްތައަށް މައްޗަށް ގޮސްފައެވެ. ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް 15.8 އިންސައްތަ އިތުރުވެ 885.0 މިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 4.0 އިންސައްތަ އިތުރުވެ 1.2 ބިލިޔަން ރުފިޔާއިން 1.3 ބިލިޔަން ރުފިޔާއަށް އަރާފައެވެ. އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް 14.9 އިންސައްތަ އިތުރުވެ 1.2 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ 5.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 2.6 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ހަރުމުދަލުން ލިބުނު އާމްދަނީ 33.1 އިންސައްތަ އިތުރުވެ 1.7 ބިލިޔަން ރުފިޔާއަށް އަދި ސަރުކާރު ކުންފުނިތަކުގެ ޑިވިޑެންޑް 17.0 އިންސައްތަ އިތުރުވެ 483.1 މިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. ހިލޭ އެހީގެ ގޮތުގައި 454.8 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 221.2 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރު މިންވަރެކެވެ. މިއީ 105.6 އިންސައްތައިގެ އިތުރުވުމެކެވެ.

މި ރިޕޯޓުން ދައްކާ ގޮތުގައި ސަރުކާރުން ދަނީ ދަރަނި ދެއްކުމުގެ އިލްތިޒާމްތައް އަދާކުރަމުންނެވެ. އެގޮތުން ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޭރުގެ ލޯނުތައް އަދާކުރުމަށެވެ. މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ލޯނު ދެއްކުމަށް ޖުމްލަ 9.6 ބިލިޔަން ރުފިޔާ ޚަރަދުވެފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދުވެފައިވަނީ 3.9 ބިލިޔަން ރުފިޔާއެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 146.0 އިންސައްތައިގެ އިތުރުވުމެކެވެ. 2026 ވަނަ އަހަރަށް ލޯނު ދެއްކުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ޖުމްލަ އަދަދަކީ 12.9 ބިލިޔަން ރުފިޔާއެވެ. ދަރަނި ދެއްކުމުގެ ބޮޑުބައެއް ހޭދަކޮށްފައިވަނީ ސުކޫކް އަނބުރާ ދެއްކުމަށެވެ.

ޚަރަދަށް ބަލާއިރު، ރިކަރަންޓް ޚަރަދު ވަނީ އަހަރުން އަހަރަށް ބަލާއިރު 20.2 އިންސައްތަ އިތުރުވެ، 19.9 ބިލިޔަން ރުފިޔާއިން 23.9 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށް ކުރެވުނު ޚަރަދު 11.2 އިންސައްތަ އިތުރުވެ 9.4 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ސަރުކާރު ހިންގުމާއި އިދާރީ ޚަރަދުތައް 26.3 އިންސައްތަ އިތުރުވެ 14.4 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. އެހީއާއި ސަބްސިޑީގެ ޚަރަދުތައް 43.3 އިންސައްތަ އިތުރުވެ 7.8 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، އޭގެ ތެރޭގައި ސަބްސިޑީއަށް ކުރެވުނު ޚަރަދު 75.7 އިންސައްތަ އިތުރުވެ 3.2 ބިލިޔަން ރުފިޔާއަށް އަދި އާސަންދައަށް ކުރެވުނު ޚަރަދު 17.2 އިންސައްތަ އިތުރުވެ 1.3 ބިލިޔަން ރުފިޔާއަށްވަނީ އަރާފައެވެ.

ކެޕިޓަލް ޚަރަދު ވަނީ 7.0 އިންސައްތަ އިތުރުވެ، 3.1 ބިލިޔަން ރުފިޔާއިން 3.4 ބިލިޔަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. ބިމާއި އިމާރާތްތަކަށް ކުރެވުނު ޚަރަދު 57.9 އިންސައްތަ އިތުރުވެ 1.1 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ފާލަމާއި ބަނދަރުތަކަށް ކުރެވުނު ޚަރަދު 65.9 އިންސައްތަ އިތުރުވެ 261.0 މިލިޔަން ރުފިޔާއަށް، އަދި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރެވުނު ޚަރަދު 39.1 އިންސައްތަ އިތުރުވެ 791.2 މިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. ކެޕިޓަލް އިކުއިޕްމަންޓަށް ކުރެވުނު ޚަރަދުވެސް ވަނީ 12.1 އިންސައްތަ އިތުރުވެ 416.8 މިލިޔަން ރުފިޔާއަށް އަރާފައެވެ.

މިއާއެކު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސްގެ ގޮތުގައި 792.8 މިލިޔަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކުރެވިފައިވާއިރު، ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިޔަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ.