ބޭންކް އޮފް މޯލްޑިވްސްއަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓެލެގްރެފިކް ޓްރާންސްފަރ (ޓީޓީ)ތަކުގެ އަދަދަށް ރިޢާޔަތްކޮށް، ތިން ހަފްތާގެ މުއްދަތަކަށް ޓީޓީތަކަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އިތުރުކުރުމަށް ބޭންކުން ނިންމައިފިއެވެ.
ބީއެމްއެލްއިން މިގޮތަށް ނިންމާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ތިން ހަފްތާގެ މުއްދަތަކަށް ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެންނެވެ.
މިއަހަރުގެ ޖަނަވަރީމަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް، ބޭންކުން 186 މިލިޔަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައިވެއެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިޔަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު 12 މިލިޔަން ޑޮލަރު އިތުރު އަދަދެކެވެ.
ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގާތްގަނޑަކަށް 570 މިލިޔަން ޑޮލަރު ބޭންކުން ވަނީ ފޯރުކޮށްދީފައެވެ. މިއީ އެވްރެޖްކޮށް ދުވާލަކަށް 2.7 މިލިޔަން ޑޮލަރެވެ.
ބީއެމްއެލްއިން ވިދާޅުވީ، އާންމު ފަރުދުންނަށާއި ވިޔަފާރިތަކުގެ އެކި ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކު ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އަދި ބޭންކުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ ކަސްޓަމަރުންގެ ބޭނުންތަކާއި ބޭންކުގެ ބޭރު ފައިސާގެ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ބެލެންސްކޮށް ދެމެހެއްޓުން ކަމަށް ވިދާޅުވިއެވެ.