ތާރީޚީގޮތުން ރާއްޖެއަށް މުހިންމު އަދި މަޝްހޫރު ތިލަދުންމަތީ އުތުރުބުރީ އުތީމަށް ފުޅާ ދާއިރާއެއްގައި ވަށާޖެހޭ ނަފާއާއި މަންފާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގުޅުންހުރި ވުޒާރާތަކާއި އިދާރާތަކާ ގުޅިގެން ޕްލޭންތަކެއް ތައްޔާރުކޮށް، ކައުންސިލާއެކު މަސައްކަތް ކުރުމަށް ރާވަމުންދާކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ގައުމީ ދުވަސް ގައުމީ ފެންވަރެއްގައި އުތީމުގައި ފާހަގަކުރުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ހީނާ ވަލީދު ވިދާޅުވީ، އުތީމަށް އަންނަ މީހުންނާއި ފަތުރުވެރިން ބަލާލަން އޮންނަ ހަމައެކަނި ތަނަކީ އުތީމު ގަނޑުވަރު ކަމުގައިވީ ނަމަވެސް، މިހާރު އެރަށަށް ޒިޔާރާތްކުރާ މީހުންނަށް ބަލާލެވޭނެ އިތުރު ތަންތަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ބޮޑުތަކުރުފާނުގެ ހަދާނީ ދޮރާއްޓާއި، ކަނދުވަލު މިސްކިތާއި، ވާހަކަވައު އަދި އެސަރަހައްދުގައި ތަރައްޤީކުރެވޭ އެހެނިހެން މަޝްރޫޢުތައް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އުތީމު ގަނޑުވަރަށް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖެއިން ބޭރުން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރާތްކުރާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މި ތަންތަނުގެ ސަބަބުންނާއި ހިންގޭ މަޝްރޫޢުތަކުގެ ސަބަބުން އެ ސަރަހައްދުގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށް އޭގެ މަންފާ ތަފާތު ގޮތްގޮތުން ފުޅާވެގެންދާނެ ކަމަށެވެ.
"މި ތަންތަނުގެ ސަބަބުން މި ސަރަހައްދުގައި މި އިތުުރުވެގެންދާ މަޝްރޫޢުތަކުގެ ސަބަބުން މި ސަރަަހައްދުގައި ހަގީގަތުގައި ފަތުރުވެރިކަމަަށްވެސް އިތުރު ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށް އޭގެ މަންފާ ތަފާތުގޮތްތަކުން ފުޅާވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންކަމުން ވަށާޖެހޭ ގޮތެއްގައި ފުޅާގޮތެއްގައި މި މަންފާ ނުވަތަ މި ނަފާ މި ރައްޔިތުންނަށް އަދި މި ރަށަށް ލިބޭނެގޮތް ހެދުމަށްޓަކައި ކަމާބެހޭ މިނިސްޓްރީތަކާއި ގުޅިގެން އަދި މުއައްސަސާތަކާއި ގުޅިގެން އަޅުގަނޑުމެން ޕްލޭންތަކެއް ތައްޔާރުކޮށް ކައުސިލާއެކު ގުޅިގެން މަސައްކަތް ކުރުމަށް އަޅުގަނޑުމެން ރާވާފައިވަނީ." ވަޒީރު ހީނާ ވިދާޅުވިއެވެ.
ތަރިކަތަކުން ނަފާވެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަތްތެރި މަސައްކަތްތަކާއި ގޭގައި ތިބެގެން ކުރާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބޭނެފަދަ ގޮތަކަށް، ވަށާޖެހޭ ނިޒާމެއްގެ ދަށުން މި މަސައްކަތްތައް ކުރިއަށްގެންދިއުމަށް މިހާރު ރޭވުންތައް ރެވަމުންދާ ކަމަށްވެސް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.