އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައަށް މެދުއިރުމައްޗަށް ފޮނުވާފައިވާ މަނަވަރު ޔޫއެސްއެސް އެބްރަހަމް ލިންކަން އަދި އޭގައި ތިބި ސިފައިންގެ ޙާލަތާމެދު ޖަވާބުދާރީވުމަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގެ، ސެނެޓުގެ މެންބަރު ރިޗަޑް ބްލޫމެންތޯލް ދިފާޢީ ވުޒާރާއަށާއި ޕެންޓަގަންއަށް އަންގަވައިފިއެވެ. އޭނާ މި ކަމަށް އަންގަވާފައި ވަނީ، ދިފާޢީ ވަޒީރު ޕީޓް ހެގްސެތާއި ކަނޑުގެ ސިފައިންގެ އިސް ސެކްރެޓަރީ ހަންގް ކާއޯއަށް ފޮނުއްވި ސިޓީއެއްގައެވެ. ޔޫއެސްއެސް އެބްރަހަމް ލިންކަންގެ އޮޕަރޭޝަން ފަށާފައި ވަނީ މީގެ 250 ދުވަސް ކުރިންނެވެ.
ސެނެޓުގެ އާމްޑް ސަރވިސަސް ކޮމިޓީގައި ވެސް އިންނަވާ ބްލޫމެންތޯލް ފޮނުއްވި ސިޓީގައި، އެބްރަހަމް ލިންކަންގައި ކާބޯތަކެއްޗާއި އަސާސީ ތަކެތި ދަތިވުމާއި، ފެން ތަޣައްޔަރުވުމާއި، ފާޚާނާގެ މައްސަލަތަކާއި، ސިފައިންގެ ނަފުސާނީ ދުޅަހެޔޮކަން ދަށަށް ދިއުމުގެ އިތުރުން ޢާއިލާތަކުން ފޮނުވާ ޕާރުސަލު ފޯރުކޮށްދޭ ނިޒާމަށް ބުރޫއެރުމުގެ ކަންބޮޑުވުންތައް ހުރި ކަން ފާހަގަކުރައްވައި، އެ ކަންކަމާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ހަތް މަސް ދުވަހުގެ އޮޕަރޭޝަނެއްގައި ޔޫއެސްއެސް އެބްރަހަމް ލިންކަން، ސެން ޑިއޭގޯ ބަނދަރުން ފުރާފައި ވަނީ 2025 އޮކްޓޫބަރު 21 ގައެވެ. އެ މުއްދަތު މެއި މަހު ހަމަވެފައިވާއިރު، މަނަވަރު އެނބުރި ޤައުމަށް އަންނާނެ ތާރީޚު މުއްދަތެއް ނެތް ގޮތުގައި ވަނީ އިތުރުކޮށްފައެވެ. ބަނދަރަކާ ގާތްނުކޮށް ކަނޑުމަތީގައި 200 އަށްވުރެ ގިނަ ދުވަސް ޔޫއެސްއެސް އެބްރަހަމް ލިންކަންއާއި އޭގައި ތިބި ސިފައިން ހޭދަކޮށްފައިވާއިރު، މިއީ އައު ރެކޯޑެކެވެ. ނަމަވެސް، މިއާއެކު އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ބައިވެރިވާ ސިފައިންގެ ތައްޔާރީ ޙާލަތާއި، އެމެރިކާގެ ކަނޑުގެ ސިފައިންގެ ޤާބިލުކަމާމެދު ސުވާލު އުފެދިފައިވާ ކަމުގައި ބްލޫމެންތޯލް ވިދާޅުވިއެވެ. އަދި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ އޮޕަރޭޝަންތައް ދަމަހައްޓާނެ ގޮތަކާމެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުން، މަނަވަރުގައި ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ސާފުތާހިރުވުމަށް ބޭނުންކުރާ ތަކެއްޗާއި، ފަންގަސް ޖެހުމާއި، ފާޚާނާތަކުގެ މައްސަލަތަކުގެ ތަފުސީލު ފޯރުކޮށްދިނުމަށް ބްލޫމެންތޯލް ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި، ސިފައިންގެ ވަރުބަލިކަމާއި، ނަފުސާނީ ދުޅަހެޔޮކަން ވަޒަންކުރުމަށް ބޭނުންކުރާ މިންގަނޑުތަކުގެ މަޢުލޫމާތާއި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މި މަނަވަރު އިތުރަށް ބައިވެރިކުރުވުމުގެ މަޤުޞަދަކީ ކޮބައިކަން އޮޅުއްފިލުއްވުމަށް ވެސް ބްލޫމެންތޯލް ވަނީ ސުވާލު ކުރައްވާފައެވެ.
ޔޫއެސްއެސް އެބްރަހަމް ލިންކަންގައި 5,000 އަށްވުރެ ގިނަ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެ އުޅަނދު ކަނޑުމަތީގައި ހޭދަކުރި މުއްދަތު ނުވަ މަހަށްވުރެ ދިގުވެގެން ގޮސްފައިވާއިރު، އޭގައި ތިބި ސިފައިންގެ ނަފުސާނީ ދުޅަހެޔޮކަމުގެ ޙާލަތު ގޯސްވެފައިވާ ކަމުގެ ނިޝާންތައް ހާމަވަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އެމެރިކާގެ ބައެއް ނޫސްތަކުން ބުނީ، މަނަވަރުގައި ތިބި ގިނަ އަދަދެއްގެ ސިފައިން ކަނޑަށް ފުންމަތިލުމަށް މަސައްކަތް ކުރުން ފަދަ "ކަންބޮޑުވާ ފަދަ" ހާދިސާތަކެއް ޢާންމުވެފައިވާ ކަމުގައެވެ. މި ރިޕޯޓުތަކާއެކު، އެ ސިފައިންގެ ނަފުސާނީ ދުޅަހެޔޮކަމާއި ދިރިއުޅުމުގެ ޙާލަތާމެދު ޢާއިލާތަކާއި ގާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި އޮތް ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.