ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާ ހަވާލުކުރެއްވުމަށް ދަށުކޯޓާއި ހައިކޯޓުން އިއްވެވި ހުކުމް އިސްތިއުނާފްކުރެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދޫލް ޤައްޔޫމް ސުޕްރީމްކޯޓަށް ހުށައެޅުއްވި މައްސަލަ ބަލައިނުގަތުމަށް އެކޯޓުން ނިންމަވައިފިއެވެ.
ރައީސް މައުމޫން ހުށައެޅުއްވި މައްސަލަ ބަލައިނުގަތުމަށް ނިންމަވާފައިވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޖްލީހުގެ އިއްތިފާގުންނެވެ. އެ ނިންމެވުމުގައި ވަނީ ސިޔާސީ ހަރަކާތްތައް ހިންގައި ކުރިއެރުވުމަކީ ގާނޫނު އަސާސީން ލާޒިމުކުރާކަމަށްކަށްވާތީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ސިޔާސީ ޕާޓީއެއްގެ ޙަރަކާތްތައް ހިންގުން ހުއްޓާލާފައި ބޭއްވުމަކީ ޤާނޫނު އަސާސީ ހުއްދަކުރާކަމެއް ނޫންކަމަށެވެ. އަދި ހައިކޯޓުން ދަށުކޯޓްގެ ހުކުމަށް ތާއިދުކުރައްވާފައިވަނީ ގާނޫނު އަސާސީގެ އަސާސެއް ނެގެހެއްޓުމަށްކަމަށްވެސް ސުޕްރީމްކޯޓުގެ ނިންމެވުމުގައިވެއެވެ.
ހައިކޯޓްގެ ނިންމެވުން އިސްތިއުނާފްކޮށްދެއްވުމަށް އެދިވަޑައިގެން ރައީސް މައުމޫން ހުށައެޅުއްވި ސަބަބުތަކުގެ ތެރޭގައި ސިވިލްކޯޓްގެ ނިންމެވުމަށް ހައިކޯޓުން ތާއީދުކުރެއްވުން ގާނޫނާއި ޚިލާފްކަމަށް ބަލަންޖެހޭ ފަދަ ގާނޫނީ ގޮތުން ސައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ސަބަބުތަކެއް ނެތްކަމަށްވެސް ސުޕްރީމްކޯޓްގެ ނިންމެވުމުގައިވެއެވެ. އަދި ހައިކޯޓްގެ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ސަބަބެއްނެތުމުން ރައީސް މައުމޫން ހުށައެޅުއްވި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމްކޯޓްގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވާކަމަށް ވެސް ސުޕްރީމުކޯޓްގެ ނިންމެވުމުގައި ބަޔާންކުރައްވާފައިވެއެވެ.