އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަކީ، ދިވެހީންގެ ކެރުމާއި ހިތްވަރުގެ މިސާލެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ޤައުމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ބޮޑުތަކުރުފާނުގެ ޖިހާދުން ދިވެހިންގެ އެއްބައިވަންތަކަމާއި ޢަޒުމު ވަރުގަދަކަން ރަމްޒުކޮށްދޭކަމަށެވެ.
"ދިވެހި ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރެއްވި އަގުހުރި ބަޠަލުންގެ ޒިކުރާ އައުކުރަމުން މި އުފާވެރި ޤައުމީ ދުވަހުގެ ތަހުނިޔާ ދަންނަވަން" ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުގެ މެސެޖުގައިވެއެވެ.
ޤައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނު) ރާއްޖެ މިނިވަންކޮށްދެއްވުމުގެ މުނާސަބަތުގައެވެ. މި ދުވަސް ފާހަގަކުރަނީ ހިޖުރީގޮތުން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަހު ދުވަހެވެ.
މިފަދަ ޤައުމީ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ. އެގޮތުން މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށްވެސް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ޤައުމީ ދުވަހުގެ ބަޠަލު މުޙައްމަދު ތަކުރުފާނުގެ އުފަން ރަށްކަމުގައިވާ ހއ.އުތީމުގައެވެ.