ޚަބަރު

މޯލްޑިވިއަންގެ ސީޕްލޭންގެ ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް


  • ސީޕްލޭން ފްލީޓްގައި މިހާރުވެސް 11 ބޯޓު އެބައޮތް

  • ޑީ.އެޗް.ސީ-6 ޓްވިން އޮޓަރ ކްލަސިކް 300-ޖީ މަރުކާގެ 2 ބޯޓު ގަތުމަށް ވަނީ ސޮއިކޮށްފައި

މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތް ފުޅާކޮށް ކާމިޔާބު ރަނގަޅު ޚިދުމަތަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވެއްޖެއެވެ.

ސީޕްލޭން އޮޕަރޭޝަނަކީ އެ ކުންފުންޏަށް ބޮޑު އާމްދަނީއެއް ލިބޭ އެއް ދާއިރާއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، ސީޕްލޭންގެ ވިޔަފާރިއަކީ މޯލްޑިވިއަނުން ކުރާ ވިޔަފާރީގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު އެއް ވިޔަފާރިކަމަށެވެ. ރާއްޖޭގެ ރިސޯޓްތަކަށް އަންނަ ފަތުރުވެރިން އުފުލުމަށް އެ ކުންފުނިން ވަރަށް ކުރީއްސުރެ ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މޯލްޑިވިއަންގެ ސީޕްލޭން ފްލީޓްގައި މިހާރުވެސް 11 ބޯޓު އެބައޮތްކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، މޯލްޑިވިއަންގެ ސީޕްލޭން ވިޔަފާރި ރަނގަޅުކޮށް ފުޅާކުރުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދީ އެންމެ ބޮޑު ސިނާއަތައްވާއިރު އެ ސިނާއަތައް އެހީތެރިކަން ދިނުމަކީ ރާއްޖޭގެ އިޤްތިޞާދަށް އަދި ކުންފުނީގެ ވިޔަފާރިއަށްވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. އެހެންކަމުން އިތުރު ސީޕްލޭން ހޯދައި އިތުރު މަންޒިލްތަކަށް މޯލްޑިވިއަންގެ ސީޕްލޭންގެ ޚިދުމަތް ފެށުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަކަމަށް ސަލީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ ސީޕްލޭންގެ ފެސިލިޓީ އަޕްގްރޭޑްކޮށް މުޅިން އައު ސީޕްލޭން ޓާމިނަލްއެއްގެ ގޮތުގައި ކުރީގައި ހުރި ޓާމިނަލް މުޅިން އަލުން އަޅުގަނޑުމެން ތަރައްޤީކޮށް އެވެސް ވަރަށް އަވަހަށް ވިޔަފާރިވެރިންނަށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެ ޚިދުމަތް ލިބޭގޮތައް ހުޅުވާލެވޭނެ. ހަމައެއާއެކު އިތުރު ބޯޓުތައްވެސް އަޅުގަނޑުމެން ހޯދަން މިފެށީ. ސީޕްލޭން ވިޔަފާރިއަށް މިހާރުވެސް އަޅުގަނޑުމެންނާއި ނެގޯޝިއޭޓްކުރޭ ރަނގަޅު ބޮޑެތި ބްރޭންޑެޑް ރިސޯޓްތަކުންވެސް ސީޕްލޭން ކޮންޓްރެކްޓް ހަދަން. އެހެންވީމަ މުސްތަޤްބަލުގައި މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަން ފެނިގެންދާނީ ވަރަށް ކާމިޔާބު ރަނގަޅު ޚިދުމަތެއްދޭ އެއަރލައިންއެއްގެ ގޮތުގައި." އަލީ ސަލީމް ވިދާޅުވިއެވެ.

މޯލްޑިވިއަނުން މިހާރު ރާއްޖޭގެ ރިސޯޓްތަކުގެ އިތުރުން ބައެއް ރަށްތަކަށްވެސް ދަނީ ސީޕްލޭންގެ ޚިދުމަތް ދެމުންނެވެ. އަދި އިތުރު ސީޕްލޭން ހޯދުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން މިމަހުގެ 11ވަނަ ދުވަހު ކެނެޑާގެ ޑި ހެވިލަންޑް ކުންފުންޏާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ޑީ.އެޗް.ސީ-6 ޓްވިން އޮޓަރ ކްލަސިކް 300-ޖީ މަރުކާގެ 2 ބޯޓު ގަންނާނެއެވެ. މިއީ ރާއްޖޭގެ މާހައުލާއި ގުޅޭގޮތައް ފަރުމާކޮށްފައިވާ، ޒަމާނީ އޭވިއޯނިކްސް ސިސްޓަމްތަކާއި، ބޯޓު މަރާމާތުކޮށް ބެލެހެއްޓުމުގައި ފަސޭހަ ގޮތްތަކެއް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓުތަކެކެވެ.