ޚަބަރު

ޖޫން މަހަށްވުރެ ބޭންކުތަކަށް ވިއްކި ޑޮލަރު ޖުލައި މަހު އިތުރު


  • އެމްއެމްއޭއިން ޑޮލަރު ދޫކުރި މިންވަރު މަހުން މަހަށް %172 އިތުރުވެފައިވޭ

  • އެމްއެމްއޭއަށް ޑޮލަރު ލިބުނު މިންވަރަށްވުރެ ޑޮލަރު ވިއްކި މިންވަރު ވަނީ އިތުރުވެފައި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ދައްކާގޮތުން ޖޫންމަހާއި އަޅައިބަލާއިރު ޖުލައި މަހު ޑޮލަރު ވިއްކި އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ. އެމްއެމްއޭއިން ވަނީ ޖުލައިގައި އެމްއެމްއޭއަށް ލިބުނު ޑޮލަރަށް ވުރެ ވިއްކި ޑޮލަރުގެ އަދަދު އިތުރުވިކަން ފާހަގަކޮށްފައެވެ.

ބޭރުފައިސާގެ ޤާނޫނުގެ ދަށުން، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހެއެވެ. އަދި ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން %90 ޑޮލަރު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކާނެއެވެ. މީގެ ތެރެއިން ބައެއް އާންމުންގެ ބޭނުންތަކަށް ދޫކުރުމަށް އެމްއެމްއޭއިން ބޭންކުތަކަށް ވިއްކައެވެ. އަދި އޭގެ ބައެއް ރިޒާވް ހަރުދަނާ ކުރުމަށް ބޭނުންކުރެއެވެ.

މިގޮތުން، ޖުލައި މަހަކީ އެމްއެމްއޭއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ އެމްއެމްއޭއިން ބޭރުފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވި މަހެއް ކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ. މިގޮތުން، އެމްއެމްއޭއިން ޖުލައި މަސް ތެރޭގައި ދަތުރުފަތުރާއި، ބޭސްފަރުވާއާއި، އުމްރާގެ ދަތުރުތަކަށް ޑޮލަރު ވިއްކި މިންވަރުވަނީ ޖޫންމަހާއި އަޅާބަލާއިރު %172 އިން އިތުރުވެފަ އެވެ.

މީގެ މައިގަނޑު ސަބަބަކީ ފާއިތުވި ޖުލައި މަހަކީ ފަތުރުވެރިކަމުގެ އޯފް-ސީޒަން ކަމަށް ވުމާއެކު، އެމްއެމްއޭއަށް ލިބުނު ބޭރުފައިސާގެ އަދަދު ދަށްވުމެވެ. އަދި، ޖުލައި މަހަކީ ސްކޫލް ބަންދާ ދިމާކޮށް ޑޮލަރަށް އޮންނަ ޑިމާންޑް އިތުރަށް ބޮޑުވެގެން ދިޔަ މަހެއްކަން މަރުކަޒީ ބޭންކުން ފާހަގަކުރެއެވެ.

ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައި ދިނުމުގެ ގޮތުން، ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު އަނެއްކާވެސް އިތުރުކުރުމަށް އެމްއެމްއޭއިން ވަނީ 11 އޮގަސްޓުގައި ނިންމާފައެވެ. މިގޮތުން، އެމްއެމްއޭ އިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު، މި ހަފްތާއިން ފެށިގެން ތިން ހަފްތާގެ މުއްދަތަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

މި ސިޔާސަތުގެ ތެރެއިން، އާންމު އުސޫލުގެ ދަށުން ކޮންމެ ހަފްތާއަކު އެމްއެމްއޭއިން ބޭންކުތަކަށް ވިއްކަމުންދާ ބޭރު ފައިސާއާއި އަޅާބަލާއިރު، %51 އިތުރު އަދަދެއް ވިއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ނިންމުމުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިތަކުން މުދާ އިމްޕޯޓްކުރުމަށް ހަދަންޖެހޭ ޓީޓީ އަދި އެލްސީ އަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުންކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

އެމްއެމްއޭ އިން ކޮންމެ މަހަކު އާންމު ކުރަމުންދާ ރިޒަރވް އަދަދުތަކަށް ބަލާއިރު ޖުލައިމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒަރވް ވަނީ 686.8 މިލިޔަން ޑޮލަރުން 638.0 މިލިޔަން ޑޮލަރަށް ދަށްވެފައެވެ. މިއީ 7 އިންސައްތައިގެ ދަށްވުމެކެވެ.

ބޭރުފައިސާގެ ޤާނޫނުގެ ދަށުން އެމްއެމްއޭއަށް ޑޮލަރު ވިއްކަން ފަށާފައިވާއިރު، އެ ޤާނޫނުގެ ތެރެއިން ވިޔަފާރިތަކަށް އިތުރު ލުއިތަކެއް ހޯދައިދިނުމަށް، ޤާނޫނު އިސްލާހު ކުރުމަށް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު މާރުކުރަން އޮތް އިޚްތިޔާރު އުވާލަން ވަނީ، ނިންމާފައެވެ. މިހާރު އޮންނަ ގޮތުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން މާރު ނުކުރާނަމަ ދެން މާރުކުރަން ޖެހެނީ ލިބޭ އަމްދަނީގެ ނިސްބަތުން 20 އިންސައްތައެވެ. މި ގިންތީގައި މިގޮތަށް އޮތުމުން އެކި ފަންތީގެ ރިސޯޓުތަކުން މާރުކުރާއިރު ބޮލަކަށް ޖެހޭ ނިސްބަތުން ކުރާނަމަ އެކި ފަންތީގެ ރިސޯޓުތަކަށް ބައެއް ގޮންޖެހުންތަކަށް ހުންނަ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.