ދިވެހިރާއްޖެއާއި އިންޑިއާ ސަރުކާރުގެ ގާތް ގުޅުމުގެ ސަބަބުން ތިލަމާލެ ބުރިޖުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕަލްސް"ގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރު އައިއިރު، މާލެއާއި ވިލިމާލެއާއި ދެމެދު ޢަމަލީގޮތުން އެއްވެސް ކަމެއް ކޮށްފައިވާތަން ފެންނަން ނެތްކަމަށެވެ. އެންމެ ތަނބެއްގެ މަސައްކަތްވެސް ކުރެވިފައި ނެތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ނިމުނު ސަރުކާރުގައި މަސައްކަތް ފަށައި، ކުރެވިފަވަނީ ވަރަށް މަދު މަސައްކަތެއް ކަމަށެވެ.
މިއީ، މި ސަރުކާރު ހަވާލުވެ ސުމަކުން ފެށި މަސައްކަތެކެވޭސް ބުނެވިދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މާލެއާއި ވިލިމާލެއާއި ދެމެދުގެ ސަރަޙައްދު ގުޅާލުމުގެ މަސައްކަތްތައް މުޅިންހެން ނިމިފައިވާ ކަމަށާއި، ނުނިމި ހުރީ ވަރަށް މަދު މަސައްކަތެއް ކަމަށެވެ. ވިލިމާލެއާއި ތިލަފުށި އަދި ތިއްލަފުއްޓާ ގުޅިފަޅު ގުޅާލުމުގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މަސައްކަތް އަވަސް ކުރުމަށް އިންޑިއާ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ވަރަށް ސަމާލުކަންދީގެން ވަރަށް ގާތުން މަސައްކަތްތައް ކުރަމުން ދަނީ. ރާއްޖެއާއި އިންޑިއާގެ ގުޅުމުގެ ސަބަބުން ވަރަށް ބާރަށް މަސައްކަތްތައް ދަނީ. ވަރަށް ބާރަށް މަސައްކަތްތައް ހިނގައިގެންފި. މިގޮތަށް ގޮސް، މާލަސްތަކެއްނުވެ މަސައްކަތް ނިމޭނެ." ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ފާހަގަކުރައްވާ ގޮތުގައިވެސް މި ބުރިޖުގެ މަސައްކަތަކީ، ގްރޭޓަރ މާލެ ސަރަޙައްދާއި މުޅި ރާއްޖޭގެ އިޤްތިޞާދަށްވެސް ވަރަށް މުހިންމުކަން ބޮޑު މަޝްރޫޢުއެކެވެ. ސަރުކާރު ހަވާލުވެ އެންމެ ފުރަތަމަ ފެށި މަސައްކަތްތަކުގެ ތެރޭގައި ބުރިޖުގެ މަސައްކަތް އަވަސް ކުރުމަށް އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރުންނާއެކު މަސައްކަތްތައް ފެށިއެވެ.
ނިމުނު ސަރުކާރުގައި އޭރު މަސައްކަތް ކޮންޓްރެކްޓް ކުރީ ދަޢުރުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. ނަމަވެސް ދަޢުރު ނިމުނުއިރު ނިމިފައިވަނީ، މަޝްރޫޢުގެ %30އެއްހާ މަސައްކަތެވެ.
ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ، އަންނަ އަހަރުގެ ނިޔަލަށް ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ނިންމުމަށެވެ. ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މުޅި މަޝްރޫޢުގެ މަސައްކަތުގެ %75 މިހާތަނަށް ނިމިފައިވާ ކަމަށެވެ. މިވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ، ބްރިޖު ޑެކަށް ބޭނުންވާ ސެގްމަންޓުތައް ކާސްޓް ކުރުމާއި، އެ ތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތެވެ.
ބްރިޖު ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓުގެ ތެރެއިން %90.4 ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފައެވެ. މީގެ ތެރެއިން %72.9 ސެގްމަންޓް، ބްރިޖުގެ ތަނބުތައް ގުޅާލުމަށް ވަނީ އިންސްޓޯލްކޮށް ނިންމާފައެވެ.