ޚަބަރު

ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢެއް


  • ކަރެކްޝަންގެ 55 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އަރިސްކުރެއްވި

  • ހިންގުން ހަރުދަނާކުރުމަށް ކުރި މަސައްކަތްތަކަށް ހިއްސާކުރެއްވި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މުހިންމު މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޒަރީރު މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 55 ވަނަ އަހަރީ ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައެވެ. މި މެސެޖުގައި ޒަރީރު ވަނީ، އެމުއައްސަސާގައި މަސައްކަތް ކުރައްވާ މުއައްޒަފުންނަށް ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ، މި ހިންގަމުންދާ އަހަރަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތާރީޚުގައިވެސް އެންމެ މުހިންމު މަސައްކަތްތައް ކުރަމުންދާ އަހަރު ކަމަށެވެ. އެގޮތުން މިއަހަރު ކަރެކްޝަންސްގެ ހިންގުން ހަރުދަނާ ކުރުމަށާއި، ގައިދީންނަށް ދެމުންދާ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ކަންކަން ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވާ ޒަރީރު ވިދާޅުވީ، މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ޒަރީރުގެ މެސެޖުގައި އަދުގެ ސަރުކާރުން ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށާއި، މިދައުރުގެ ތެރޭގައި ހެލްތު ސްކީމްގެ ދަށުން އިތުރު ފުރުޞަތުތަކެއް ފަހިކޮށްދީފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ގައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމައަށް އަލުން ނެރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

"ޖަލުތަކުގައި ތިބި ގައިދީންނާއި ހުކުމަކާއި ނުލާ ވާނުވާގައި ތިބި މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރެވުނު އިތުރު މަސައްކަތްތަކަކީ ބޮޑީ ސްކޭން އަދި ބެގޭޖް ސްކޭން މެޝިންތައް ބެހެއްޓުން. މީގެ ސަބަބުން ކުރިން އުފުލި ބުރައަށް ބޮޑު ތަސައްލީއެއް ލިބިގެން ގޮސްފައިވީނަމަވެސް، ޖަލުތަކުގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ." ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނާއި އޮފިސަރުންނަކީ ފަރުދާ ފުރަގަހުގައި ތިއްބަވައިގެން މުހިންމު ޤައުމީ ވާޖިބުތަކެއް އަދާކުރައްވަމުން ގެންދަވާ ބައެއް ކަމަށެވެ. އަދި ކަރެކްޝަންސްގެ އޮފިސަރުންނަކީ، އެބޭފުޅުންގެ ޖާނުން ގުރުބާންވުމަށް ހުވާކުރައްވާ އިޚްލާޞްތެރިކަމާއެކު ޤައުމަށް ޚިދުމަތްކުރައްވާ ބޭފުޅުން ކަމަށާއި، ޤައުމީ ސަލާމަތާ ގުޅިފައިވާ ކަންކަމުގައި އެބޭފުޅުން ކުރައްވާ މަސައްކަތައް ތައުރީފު ހައްގު ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ކަރެކްޝަނަލް ސަރވިސްއަކީ ޤައުމީ ޚިދުމަތުގައި ވަރުގަދަ މުއައްސަސާއަކަށް ހެދުމަށާއި، މުއައްސަސާގެ ކުރިއެރުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމުގައި ދެމިތިބޭނެ ބައެއް ކަމުގެ ޔަޤީންކަންދެއްވާ ކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވިއެވެ.