ކުޅިވަރު

އިންޑިއާ ވަކިވުމުން އާސިއާން ކަޕަށް ބަނގްލަދޭޝް


އިންޑިޔާ ބައިވެރި ނުވާން ނިންމުމުން ފީފާ އާސިއާން ކަޕުގެ ޖާގަ ބަނގްލަދޭޝް އަށް ދީފި އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ފަންޑު ކޮށްގެން ބާއްވާ މުބާރާތުން އިންޑިޔާ ވަކިވީ މުބާރާތް އޮންނަ ދުވަސްވަރު ބްރެޒިލްއާއެކު އެކުވެރިކަމުގެ މެޗެއް ކުޅެން ހަމަޖެހިފައިވާތީވެ އެ ފުރުސަތު ދޫކޮށް ނުލާން ވެގެންނެވެ. މި މުބާރާތް ބާއްވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރަކުން އޮންޓޫބަރު ހަތަރަކަށް އިންޑޮނީޝިޔާގަ އެވެ.

ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އެކްސްކޯ މެމްބަރު ސައީދު ހަސަން ކަނޮން ވިދާޅުވީ އެކްސްކޯ އަށް ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ހުށަހެޅުއްވީ ދެ ހުށަހެޅުމެއް ކަމަށެވެ.

"އެއީ ހަތަރު ގައުމުގެ މުބާރާތެއް މި މުއްދަތުގައި ބަނގްލަދޭޝްގައި ބޭއްވުން. ނުވަތަ އާސިއާން ކަޕުގައި ބައިވެރިވުން. މީގެ ތެރެއިން ހުށަހެޅުންތަކުގެ ތަފްސީލަށް ބަލާފައި އަހަރުމެންނަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ މި މުބާރާތުގައި ބައިވެރިވުން. އެއީ މުބާރާތް ކުޅޭ ގައުމުން އެކޮމޮޑޭޝަން ހަރަދާއި ޓިކެޓް ވެސް ދޭތީވެ. އަހަރުމެންނަށް ފެނުނީ މިއީ ކުރިއަށް ސާފް ޗެމްޕިއަންޝިޕަށް ވެސް ތައްޔާރުވާން ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް،" ކަނޮން ވިދާޅުވި އެވެ.

އޭނާ ބުނީ މުބާރާތުގައި ބައިވިވުމަށް ކުރަން ޖެހޭ ލިޔެކިއުމުގެ މަސައްކަތް ފުރިހަމަ ކުރަން މިހާރު ފަށާފައިވާ ކަމަށެވެ.
އާސިއާން ކަޕް ބާއްވަނީ އަށް ގައުމުގެ މެދުގަ އެވެ. މިހެންވެ މުބާރާތުގައި ކުޅޭ ގައުމުތައް ދެ ގްރޫޕަކަށް ބަހާލާނެ އެވެ.