މުދާ އުފުލާ ސަޕްލައި ދޯނި "ފްރެންޑް 4" އަޑިއަށްދިޔަ ހިތާމަވެރި ހާދިސާގައި ގެއްލިފައިވާ ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.
ބުދަ ދުވަހު ސާޖަންޓް ނާފިޢުގެ އާއިލާ ދިރިއުޅޭ ގެއަށް ޒިޔާރަތްކޮށް ބޭއްވި މި ބައްދަލުވުމުގައި، ވަޒީރާއި ސީޕީގެ އިތުރުން ޑީސީޕީ ފަރުހާދު ފިކުރީއާއި، އޭސީޕީ މުޙައްމަދު ޖަމްޝީދު އަދި ފުލުހުންގެ އިސް ބައެއް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ސާޖަންޓް ނާފިޢުގެ އަންހެނުންނާއި، ދަރިފުޅުގެ އިތުރުން އާއިލާގެ އެހެން މެމްބަރުންނާ ބައްދަލުކޮށް ހިތްވަރު ދެއްވާފައިވެއެވެ.
ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ހާދިސާގެ ޚަބަރު ލިބުމާއެކު އެރޭ ދަންވަރުން ފެށިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި ފުލުހުން ގުޅިގެން، ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ހިއްސާކުރައްވާފައިވާ ކަމަށާއި، މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ރައީސް ދުޢާކުރައްވާ ކަމަށާއި އާއިލާއަށް ހިތްވަރު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިހުސާން ފާހަގަކުރެއްވި ގޮތުގައި، ދޯނި އަޑިއަށް ގޮސްފައިވާ ސަރަހައްދަކީ 1650 މީޓަރަށްވުރެ ފުން ސަރަހައްދަކަށްވާތީ، ރާއްޖޭގައި ހުރި ވަސީލަތްތަކުން އެ ހިސާބަށް ނުދެވޭތީ ޚާރިޖީ ވުޒާރާ މެދުވެރިކޮށް ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ސާޖަންޓް ނާފިޢު މަސައްކަތް ކޮށްފައިވަނީ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ މަތިވެރި އަޒުމުގައި ކަމަށެވެ. އަދި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވައި ކޮމިޝަނަރ ވިދާޅުވީ، މި މަސައްކަތުގައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި، އެއްވެސް ކަމެއް ދޫކޮށްނުލައްވާނެ ކަމަށެވެ. އަދި މި ހިތާމާގައި ދިވެހި އެންމެހާ ފުލުހުން ބައިވެރިވާ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. މީގެ އިތުރުން، މި ހާދިސާ ތަހުގީގު ކުރުމަށް މާލެއިން ޚާއްސަ ޓީމެއް ފޮނުވާފައިވާނެ ކަމަށާއި، އާއިލާއަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ކަންކަންވެސް ކުރިޔަށްދާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ، މިމަހުގެ 2 ވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ދޯނި، ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް މިމަހުގެ 5 ވަނަ ދުވަހުގެ ރޭގައެވެ. ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހުން ސަލާމަތްކޮށްފައިވި ނަމަވެސް، ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫންއާއި، ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު އަދި އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހީމް އަޙްމަދު ވަނީ ގެއްލިފައެވެ.