ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހއ. އުތީމަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު އުތީމްއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ޤައުމީ ދުވަހުގެ މުނާސަބަތުގައި ބައްވާ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާނެއެވެ. މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ހަތް ބޭފުޅަކަށާއި، އެއް ކުންފުންޏަކަށެވެ. މީގެއިތުރުން، ޚިދުމަތުގެ ޤައުމީ އިނާމު، އެއް ބޭފުޅެއްގެ ހަނދާނަށް އެރުވުމަށް ވަނީ ނިންމަވާފައެވެ.
މި ޖަލްސާ އޮންނާނީ މިއަދު ހެނދުނު 10:00 ގައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އުތީމުގައި ތަރައްޤީކޮށްފައިވާ ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ހުޅުވާދެއްވާނެއެވެ. އަދި ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދު ބުނެދޭ ވާހަކަ ވައުވެސް ރައީސް ހުޅުވާދެއްވާނެއެވެ.
ޤައުމީ ދުވަހުގެ ހަރަކާތްތައް އުތީމުގައި ފަށާފައިވަނީ، އިއްޔެ ހެނދުނުއެވެ. އެގޮތުން އިއްޔެ ވަނީ، ދިދަ ނެގުމުގެ ރަސްމިއްޔާތުވެސް ބާއްވާފައެވެ. އަދި ރޭ އުތީމުގައި ވަނީ ހަވާ އަރުވާފައެވެ.
އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (ބޮޑުތަކުރުފާނު) ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ޒިކުރާ އައު ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަސް ފާހަގަކުރަނީ، ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައެވެ.