ޚަބަރު

"ޤައުމީ ދުވަސް ހަނދާންކޮށްދެނީ ޤައުމީ ލޯތްބަށް އާނއެކޭ ބުނުމުގެ މަތިވެރި ނަސީބު"


  • ދިވެހިން އިސްކުރައްވާފައިވަނީ ދިވެހި ޤައުމާއި ޤައުމީ ވިސްނުން

  • ލިބޭ ފިލާވަޅަކީ އެ ޒަމާނަކާ ގުޅޭ ޢިލްމާއި ހުނަރު ކުދީންނަށް ދޭން ޖެހޭނެކަން

ޤައުމީ ދުވަސް ހަނދާންކޮށްދެނީ ޤައުމީ ލޯތްބަށް އާނއެކޭ ބުނުމުގެ މަތިވެރި ނަސީބުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ޤައުމީ ދުވަހު ޕޯޗުގީޒުން ވާގިވެރިކަން ހޯއްދެވި، ނުވަވަނަ ޙަސަން ރަސްގެފާނަށް ދިވެހީން ދިން ރައްދު ޖަވާބާއި އޭރުގެ ރާއްޖޭގެ ހާލަތު އެނބުރިގެން ދިޔަ ގޮތް ހަނދާނަން ގެންނަންޖެހޭކަމަށެވެ.

ޕޯޗުގީޒުންގެ ޙިމާޔަތުގައި ހުރެ އޭނާވަނީ ދިވެހީންގެ ދީނުގެ ޙުރުމަތް ކަނޑައި، ދިވެހި ތަޚްތުގެ ބޭނުމުގައި ބޭރު ބާރަކާއެކު، ޤައުމަށް ގެއްލުން ހުރި ގުޅުންތަކެއް އުފައްދާފައިކަމަށް ވިދާޅުވިއެވެ. މި ހާލަތުގައި ދިވެހިން އިސްކުރައްވާފައިވަނީ ދިވެހި ޤައުމާއި ޤައުމީ ވިސްނުންކަމަށާއި، ދިވެހީންގެ ރާއްޖެއާއި މާތްވެގެންވާ އިސްލާމްދީން އިސްކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހިރައްޔިތުން ވެސް ނެންގެވީ ޤައުމީ ފަޅި. ޤައުމަށް ހެޔޮ އެދުމުގެ ފަޅި. އެހެންވީމާ ޤައުމީ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރި އެއް ސަބަބަކީ މި ކަންކަން ހަނދާންކޮށްދިނުން. ޤައުމީ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރީ ދިވެހި ފަޚްރުވެރި ކާބަފައިންނެކޭ އެއް ފަދައިން، ޤައުމީ ލޯބިން ހިތްތައް ފުރާލަން ދަސްކޮށްދޭން. ޤައުމީ ލޯތްބަށް އާނއެކޭ ބުނުމުގެ މަތިވެރި ނަސީބު ހަނދާންކޮށްދޭން." ރައީސް ވިދާޅުވިއެވެ.

ޤައުމީ ދުވަހު ކާބަފައިން އަޅުގަނޑުމެންނަށް ދައްކައިދޭ އަނެއް ޙަޤީޤީ މަންޒަރަކީ މަދު މީހަކު ގޯޅި އަޅައިގެން ދިޔަޔަސް، ތަފާތު އެކި ފެންވަރުގައި ދިވެހީންނަކީ އަބަދުވެސް ޤައުމީ ވިސްނުން އިސްކުރި ބައެއްކަމަށް ރައީސް ވިދާޅުވިއެވެ. ޤައުމުގެ ޙައްޤުގައި ލެޔާއި ދާ އޮހޮރާލުމަކީ ދިވެހި ޤައުމީ ސިފައެއްކަމާއި، އެކަމުގައި ވަކި ފަންތިއެއް ގިންތިއެއް ތަފާތެއް ނޯންނަކަންކަމަށް ރައީސް ވިދާޅުވިއެވެ.

ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ބުނެދޭ އަނެއް ޙަޤީޤަތަކީ ޤައުމީ ދުވަހުގެ ބަޠަލަށް މުޅި ރާއްޖޭން ފުރިހަމަޔަށް ދެމުން އައި ފުރިހަމަ އިޖާބަކަމަށް ރައީސް ވިދާޅުވިއެވެ.

"ކަޅުއޮއްފުންމި ބަންނަވަން މާވަޑިން ހޯއްދަވަން އެތަކުރުފާނު ކުރެއްވި ދަތުރަށް ބައްލަވާލައްވާ! ރާއްޖޭގެ ތަފާތު 40 ރަށުން 40 މާވަޑައިން އެ ކަމުގައި ބައިވެރިވި. މި ކަމުން އެނގެނީ މި ބޮޑު ޤައުމީ ޖިހާދުގައި މުޅި ރާއްޖެ ބައިވެރިވިކަން. އެހެން އިބާރާތަކުން ދަންނަވާ ނަމަ، މިކަމުން އެނގެނީ ދިވެހި މުޅި ޤައުމުގައި ވަނީ ޤައުމީ ވިސްނުންކަން. ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އޮތީ ޤައުމު އިސްކޮށްގެންކަން އަޅުގަނޑުމެންގެ ކާބަފައިން ދަސްކޮށްދޭކަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އޮތީ ޤައުމު އިސްކޮށްގެންކަން އަޅުގަނޑުމެންގެ ކާބަފައިން ދަސްކޮށްދޭކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މުޅި ރާއްޖޭގެ ވިސްނުމަކަށް ވާންވީ، މި ލޮބުވެތި ފަސްގަނޑުގެ ޙައްޤުގައި އަޅުގަނޑުމެން އެ މަތިވެރި އަޖުދާދުންގެ ހަރުދަނާ އަމަލުތަކުން ފިލާވަޅު ލިބިގަތުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހީންނަކީ ކަނޑުގެ ދަރީންކަމަށާއި، އުތީމު މަހާރަދުންގެ ސީރަތުން ކަނޑުމައްޗަށް އަހުލުވެރިވެވަޑައިގަތްކަން އިނގެންއޮތްކަމަށް ރައީސް ވިދާޅުވިއެވެ. މި ކަމުން ލިބޭ ފިލާވަޅަކީ އެ ޒަމާނަކާ ގުޅޭ ޢިލްމާ ހުނަރު އަޅުގަނޑުމެންގެ ކުދީންނަށް ދޭން ޖެހޭނެކަންކަމަށް ވިދާޅުވިއެވެ.

ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ އަނެއް ކަމަކީ އަޅުގަނޑުމެން ތިބޭނީ އަޅުގަނޑުމެންގެ ދީނުގައި އަޅުގަނޑުމެންގެ ޤައުމީ ސިޔާދަތާއި ޤައުމުގެ މިނިވަންކަމާ އެކީގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.