ވަރލްޑްކަޕަށްފަހު ކަންކަން ބަދަލުވެގެން ދިޔައީ ވަރަށް އަވަހަށް ކަމަށް މިއަދު ޕީއެސްޖީއަށް ސޮއިކުރި ސްޕެއިން ފޯވާޑް ފެރަން ޓޮރޭޒް ބުނެފިއެވެ. ސްޕެއިން އަށް ވަރލްޑްކަޕް ހޯދައިދޭން ފައިނަލް މެޗުގައި އާޖެންޓީނާ ކޮޅަށް ހަމައެކަނި ލަނޑު ޖެހި ފެރަން ޓޮރޭޒް ޕީއެސްޖީއަށް ސޮއިކުރުމަށްފަހު ބުނީ ވަރލްޑްކަޕަށްފަހު ޗުއްޓީއަށް ގޮސް, ދެން ކަންކަން ބަދަލުވެގެން ދިޔައީ ވަރަށް އަވަހަށް ކަމަށެވެ.
ފެރަން ޓޮރޭޒް ބުނީ ވަރަށް އަވަހަށް ކަންކަން ބަދަލުވެ, މިހާރު އާ ޓީމަކާއެކު އާސީޒަނަށް ފޯކަސް ކުރަން ޖެހިފައިވާ ކަމަށެވެ. ފަސް އަހަރުގެ އެއްބަސްވުމެއްގައި ޕީއެސްޖީއާއެކު ސޮއިކުރި ފޯވާޑް ބުނީ "ގުޅުނީ ވިނިންގ ޓީމަކާ ކަމަށާއި, އޭނާވެސް އެ ފެންވަރުގައި ދެމި ހުންނަން ޖެހޭނެ" ކަމަށެވެ. ޕީއެސްޖީގެ ކާމިޔާބީ ދަމަހައްޓާ އިތުރު ކާމިޔާބީ ހޯދައިދޭން އޭނާގެ ޓީމްގެ އެހެން ކުޅުންތެރިންނަށް އެހީވެވެން އޮތް އެންމެ ބޮޑަށް އެހީވާނެ ކަމަށް 26 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ. އަދި ބޭނުންވަނީ ޕީއެސްޖީގެ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް އުފާވެރިކަން ގެނެސްދޭން ކަމަށް ބުންޏެވެ.
ވަރލްޑްކަޕް ފައިނަލްގައި ޖެހި ހަމައެކަނި ގޯލްގެ ސަބަބުން ދިރިއުޅުން ބަދަލުވިތޯ ކުރި ސުވާލަށް ޖަވާބުދެމުން ފެރަން ޓޮރޭޒް ބުނީ އެންމެ ގޯލަކުން އެފަދަ ބަދަލެއް އައިކަމަށް ނުދެކޭ ކަމަށެވެ.
"އެކަމަކު އެއީ ވަރަށް ޚާއްޞަ ވަގުތެއް. އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަކުގެ ތެރެއިން ދުވަހެއް.ފެރަން ޓޮރޭޒް
ޕީއެސްޖީއާ ގުޅޭގޮތުން ކުރިން މެންޗެސްޓަރ ސިޓީ އާއި ވެލެންސިޔާއަށް ކުޅުނު ފޯވާޑް ބުނީ ޕީއެސްޖީ އަކީ ކާމިޔާބު ހޯދުމުގެ ޕްރޮޖެކްޓެއް ކަމަށާއި, ޓީމް ބައްޓަން ވެފައިވަނީ ވަރަށް މޮޅު ޒުވާން ކުޅުންތެރިންނާއެކު ކަމަށެވެ. އެހެންކަމުން ޕީއެސްޖީގެ ކާމިޔާބީ ދެމިގެންދާނެ ކަން ފާހަގަކޮށް ފެރަން ޓޮރޭޒް ސުވާލުކުރީ އެކްލަބްގައި ޗެމްޕިއަންސްލީގު ނުހޯދެންވީ ކީއްވެތޯއެވެ.
މީގެކުރިން ޗެމްޕިއަންސް ލީގު ހޯދުފައިނުވާކަން ފާހަގަކޮށް, ފެރަން ޓޮރޭޒް ބުނީ މިއީ އެތަށި ހޯދަން އެންމެ ރަނގަޅު ކްލަބް ކަމަށް ދެކޭ ކަމަށެވެ. ފެރަން ޓޮރޭޒް ވަނީ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭއާ ގުޅޭ ގޮތުންވެސް ވާހަކަ ދައްކާފައެވެ. އޭނާ ބުނީ އެންރީކޭ އަކީ އޭނާއަށް ބައްޕައެއް ފަދަ މީހެއް ކަމަށެވެ. ސްޕެއިން ގައުމީ ޓީމުން ފެރަން ޓޮރޭޒްއަށް ފުރަތަމަ ޖާގަ ދިނީ އެންރީކޭ އެވެ. ގައުމީ ޓީމްގައި އޭނާއަށް ލުއިސް އެންރީކޭ އަބަދުމެ އިތުބާރުކުރިކަން ފެރަން ޓޮރޭޒް ހަނދާން ކުރިއެވެ. އަލުން ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމުގެ އުފާވެރިކަންވެސް ފެރަން ޓޮރޭޒް ފާޅުކުރިއެވެ.
"އެންރީކޭއަށް ކުޅުންތެރިން މެނޭޖްކުރަން ވަރަށް ރަނގަޅަށް އިނގޭން. ކުޅުންތެރިންނަށް ވަރަށް ބޮޑަށް އިތުބާރު ކުރާނެ, ކުޅުންތެރިޔާ އަމިއްލަ ނަފްސަށް އިތުބާރު ނެތް ވަގުތުވެސް ކޯޗުގެ އިތުބާރު އޮންނާނެ. ކުޅުންތެރިންގެ ފަރާތުން އަބަދުވެސް އެންމެ ބެސްޓަށް ޑިމާންޑް ކުރާނެ, ކުޅުންތެރިންގެ އެންމެ މޮޅު ހުނަރު ނެރޭނެ.ފެރަން ޓޮރޭޒް
ފެރަން ޓޮރޭޒް ޕީއެސްޖީއާއެކު ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2031 ގެ ނިޔަލަށެވެ. އޭނާ ވަނީ ޓީމްގެ ޕްރެކްޓިސްއަށްވެސް ނިކުމެފައެވެ. ރިޕޯރޓްތައް ބުނާގޮތުން ފެރަން ޓޮރޭޒް ޕީއެސްޖީއަށް ސޮއިކުރީ 58 މިލިއަން ޑޮލަރަށެވެ.