ޚަބަރު

ޕީޕީއެމްގެ ބައެއް މެމްބަރުން ރައީސް މައުމޫނަށް ފާޑު ވިދާޅުވެއްޖެ


ރައީސް ޔާމީނަށް ކުރެއްވި ތާޢީދު އަނބުރާ ގެންދެވިކަމަށް ރައީސް މައުމޫން ރޭ ވިދާޅުވުމާއި ގުޅިގެން ރައީސް ޔާމީންގެ ދިފާޢުގައި ތިއްބެވިކަން ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ހާމަކުރައްވައި، ރައީސް މައުމޫނަށް ފާޑު ވިދާޅުވަމުން އެބަގެންދަވައެވެ.

ރައީސް މައުމޫންގެ ނިންމެވުމަށް ފާޑު ވިދާޅުވެ، ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދު ﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ވަކި ބޭފުޅަކު ތާއިދު އަނބުރާ ގެންދެވުމަކުން ރައީސް ޔާމީން އިސްތިއުފާ ދެއްވާފައި ވަޑައި ނުގަންނަވާނެ ކަމަށެވެ. ރައީސް ޔާމީންގެ އަޒުމް އެއަށްވުރެ ވަރުގަދަކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ޤައުމުގެ އެތެރެއާއި ބޭރުން ކުރިމަތިކުރާ ހުރަސްތައް ގިރާކުރައްވާ، ގައުމު އަމާން ބަނދަރަކަށް ގެންދެވުމުގެ ގާބިލުކަން ރައީސް ޔާމީންގެ އެބަ ހުންނެވިކަމަށްވެސް އަބްދުއްރަހީމް އަބްދު ﷲ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް ޑރ. އަބްދު ﷲ ހަލީލް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެއްވަގުތެއްގައި އެއްވެސް ގައުމެއްގައި ދެ ވަލިޔުލް އަމުރު ނުހުންނަވާނެ ކަމަށެވެ. އަދި ޤައުމު ދެކެ ލޯބިވެވަޑައިގަންނަވާ ކަމުގައި ވަނީނަމަ ރައީސް މައުމޫން ސިޔާސީ ދާއިރާއިން ދުރަށް ޖެހިވަޑައިގަންނަވަން ޖެހޭކަމަށްވެސް ހަލީލް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޕީޕީއެމްގެ ޕާލީމެންޓްރީ ގްރޫޕްގެ ވަރަށް މަދު މެމްބަރަކު ނޫނީ ތިއްބެވީ ސަރުކާރާއި އެކުގައި ކަމަށެވެ. ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، 30 އަހަރު ވެރިކަން ކުރައްވާ، ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިއްތަވާނެކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އަދި އާ ގާނޫނު އަސާސީގެ ބާނީކަމަށް ވިދާޅުވަމުން ގެންދަވާ ބޭފުޅާ ރާއްޖޭގެ ޝަރުއީ ނިޒާމަށް ގޮންޖައްސަވާފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު ފަދައިން ރައީސް މައުމޫންވެސް ގެންދަވަނީ ގާނޫނު މުގުރަމުން ކަމަށް ޑރ. ޝައިނީ ވިދާޅުވެފައިވެއެވެ.