ޚަބަރު

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރަނީ


  • ދައުލަތަށް އަހަރަކު 1.6 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރޭ

  • މި ޖީއެސްޓީ ނަގަން ފަށާނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެން

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވައިިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ. މިއީ ރާއްޖޭގެ ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ހުށަހެޅުއްވި ބިލެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ސަރުކާރުން ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމަށްޓަކައި އޮފް ޝޯ ބުކިންގ ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް ފޯރުކޮށްދޭ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުން ކަމަށެވެ. އަދި މުދަލާއި ޚިދުމަތުން ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައި، އެ ނިޒާމު އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ބިލުގައިވާގޮތުން މުދާ ފޯރުވައިދިނުމުގައި މުދާ ޓްރާންސްޕޯޓް ކުރުން ހިމެނޭނަމަ އެ މުދާ ޓްރާންސްޕޯޓް ކުރަން ފަށާ ޤައުމަކީ ރާއްޖެ ކަމުގައިވާނަމަ ނުވަތަ މުދާ ފޯރުވައިދޭ ފަރާތުން އެ މުދާ ރާއްޖޭގައި ލިބޭނެ ގޮތް ހަމަޖައްސާފައިވާނަމަ އެއީ ރާއްޖޭގައި ފޯރުވައިދޭ މުދާ ކަމުގައި ބެލޭނެއެވެ. އަދި އެއްވެސް ފަރާތަކުން ރާއްޖޭގައި ހުރި އެ ފަރާތެއްގެ ވިޔަފާރި ހިންގާ ތަނަކުން ޚިދުމަތް ފޯރުވައިދީފިނަމަ އެއީ ރާއްޖޭގައި ފޯރުވައިދޭ ޚިދުމަތުގެ ގޮތުގައި ބެލޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ނުވިނަމަވެސް ޚިދުމަތް ފޯރުވައިދިން ވަގުތު ރާއްޖޭގައި ހުރި ފަރާތަކުން އެ ޚިދުމަތުގެ އަމަލީ މަސައްކަތް ރާއްޖޭގައި ކޮށްފިނަމަ ނުވަތަ އެއީ ރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކާ ގުޅޭ ޚިދުމަތެއް ނަމަ އެއީ ރާއްޖޭގައި ފޯރުވައިދިން ޚިދުމަތެއްގެ ގޮތުގައި ބަލާނެއެވެ. މީގެ ތެރޭގައި އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ފޯރުވައިދިނުން ނުވަތަ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓަކާ ގުޅޭގޮތުން ފޯރުވައިދޭ އެޖެންސީ ޚިދުމަތެއް ނުވަތަ ބުކިން ޚިދުމަތްތައްވެސް ހިމެނޭނެ ކަމަށް ވަނީ ބުނެފައެވެ.

މި އިސްލާހުގައި ޖީއެސްޓީ ނެގުން ލާޒިމުވާ ކަންކަމުގެ ތެރޭގައި ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ރާއްޖޭގައި ނެތް ނަމަވެސް އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ރާއްޖޭގައި ފޯރުވައިދިނުން ވަނީ ހިމަނާފައެވެ. އަދި އެފަދަ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓަކުން ޖީއެސްޓީ ނަގާނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ބިލުގައި އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ ރާއްޖޭގައި ހިންގާ އެކޮމޮޑޭޝަނާއި ކެއުމާއި ދަތުރުފަތުރުފަދަ ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތަކެވެ.

ބިލާއެކު ސަރުކާރުން ވަނީ އިސްލާހުތަކާއެކު ދައުލަތަށް ލިބޭނެ އާމްދަނީގެ އަންދާޒާއެއްވެސް ހިއްސާކޮށްފައެވެ. އެގޮތުން، އޮފް ޝޯ ބުކިންގ ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަކީ ރާއްޖޭގައި ޚިދުމަތްދޭ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ޓެކްސް ނަގަން ފެށުމުން ދައުލަތުގެ އާމްދަނީއަށް އަހަރަކު 1.6 ބިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.