ޚަބަރު

އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ


  • ޖަމީލާ ވަނީ ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުވެސް އަދާކުރައްވާފައި

  • މައްސަލަ ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައި

ދިވެހިރާއްޖޭން އިނގިރޭސިވިލާތައް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ އަލީ ޚާލިދު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ފޮރިިން ސަރވިސްގެ ޤާނޫނުގެ ދަށުން ރާއްޖޭން އެކި ޤައުމުތަކަށް ކަނޑައަޅުއްވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވަން ޖެހެއެވެ.

އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ކުރިން ހުންނެވީ އިރުތިޝާމް އާދަމެވެ. ނަމަވެސް ޚާރިޖީ ވަޒީރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިރުތިޝާމް އައްޔަންކުރެއްވުމާ ގުޅިގެން އެމަޤާމު އޮތީ ހުސްކޮށެވެ.

އެ މަޤާމަށް ޖަމީލާ އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރެވޭނީ ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓެއްގައި އެގޮތަށް ފާސްކުރުމުންނެވެ.

ޖަމީލާ އަކީ ޚާރިޖީ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އެގޮތުން، މީގެ ކުރިން އޭނާ ވަނީ ރާއްޖޭން ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުވެސް އަދާކުރައްވާފައެވެ. އޭނާ ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވާފައެވެ.