ޚަބަރު

އެޗްއާރުސީއެމްގެ މެންބަރުކަމަށް، 2 ބޭފުޅެއްގެ ނަން


  • ރައީސް ފޮނުއްވާފައިވަނީ ޝަމްއޫން ހަމީދާއި އަލްއުސްތާޛާ ސަމާޢު އަހުމަދު ނަޖީބުގެ ނަން

  • ސަމާޢު އަކީ މިހާރުވެސް ކޮމިޝަނުގެ މެންބަރެއް

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އެޗްއާރްސީއެމްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަޤާމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހަށް ހަމަވާތީ އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސް އޮފީހުން ހުޅުވާލީ މިދިޔަ ޖުލައި މަހުއެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވީ އެ މުއްދަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ދެ ބޭފުޅުންގެ ނަމެވެ.

މި މަޤާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ ހ. މީނާޒު، ޝަމްއޫން ހަމީދާއި ގދ. ތިނަދޫ، އަސޭގެ އަލްއުސްތާޛާ ސަމާޢު އަހުމަދު ނަޖީބުގެ ނަމެވެ. ސަމާޢު އަކީ މިހާރުވެސް އެޗްއާރުސީއެމްގެ މެންބަރެކެވެ. އޭނާގެ މަޤާމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ 3ވަނަ ދުވަހު ހަމަވާނެއެވެ.

ޝަމްއޫން ހަމީދު ވަނީ މީގެ ކުރިން އެޗްއާރުސީއެމްގައި އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އެކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުވެސް އޭނާ އަދާކުރެއްވިއެވެ.

އެޗްއާރުސީއެމަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ޖެންޑަރ އެންޑް ހިޔުމަން ރައިޓްސް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެވޭނީ އެ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.